ޔުއެފާ ނޭޝަންސް ލީގުގައި ރޭ 3-1 އިން ފްރާންސް ބަލިކޮށް، 1954 ވަނަ އަހަރުގެ ފަހުން ފްރާންސް އަތުން ފްރާންސްގެ ފަސްގަނޑުގައި މޮޅުނުވެ އޮތް އޮތުން އިޓަލީއިން ނިމުމަކަށް ގެނެސްފިއެވެ.
ފްރާންސްގެ މަޝްހޫރު "ޕާކް ޑި ޕްރިންސެސް" ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފްރާންސުން ލީޑް ނެގީ މެޗް ފަށައިގެން 13 ވަނަ ސިކުންތުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި ބްރެޑްލީ ބާކޯލާއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އިޓަލީއިން އެއްވަރު ކުރީ ފެޑްރީކޯ ޑިމާކޯ ކާމިޔާބު ކުރި ހިތްގައިމު ލަނޑުންނެވެ.
ފްރާންސް ސިއްސުވާލުމަށްފަހު އިޓަލީއިން ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނެޓުގައި ޑޭވިޑް ފްރައްޓެސީގެ ލަނޑުންނެވެ. މިލަނޑަށްފަހު ފްރާންސުން ނަތީޖާ ހަމަހަމަ ކުރުމަށް ކުޅުން އަވަސްކޮށްލިނަމަވެސް އިޓަލީއިން ކުޅެމުންދިޔަ ރޭވުންތެރި ކުޅުން ހަލާކު ކޮށްލެވޭ ގޮތެއް ނުވިއެވެ. މިމެޗުގައި ޓަލީގެ ޑިިފެންސް ލައިން ވަރަށް އޮގަނައިޒްކޮށް ފެނުނުއިރު، ކައުންޓަރ އެޓޭކްތަކުގައި އިޓަލީ ފެނުނީ ވަރަށް ނުރައްކާތެރި ކޮށެވެ.
ފްރާންސްގެ މަޝްހޫރު ތަރިން ކަމުގައިވާ ކެޕްޓަން ކިލިއަން އެމްބައްޕޭ އާއި އެންޓޯނިއޯ ގްރީޒްމަން އަދި އޮސްމާނޭ ޑެމްބެލޭ ހިފެހެއްޓުމުގައި އިޓަލީގެ 3 ޑިފެންޑަރުން ކަމުގައިވާ ރިކާޑޯ ކަލަފިއޯރީ އާއި އެލަސަންދްރޯ ބަސްޓޯނީ އަދި ޖިއޮވައްނީ ޑި ލޮރެންޒޯ ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ދައްކާފައެވެ. ފްރާންސް ޑިފެންސް ފެނުނީ އިޓަލީގެ ކައުންޓަރ އެޓޭކްތައް ހުއްޓުވުމުގައި ވަރަށް ބޮޑަށް ޑިފެންސް ލައިން ރޫޅިފައިވީ މަންޒަރެވެ. ނަތީޖާއަކަށް ވެގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނަޕޯލީގެ ޒުވާން ފޯވާޑް ޖިއަކޮމޯ ރަސްޕަޑޯރީ 74 ވަނަ މިނެޓުގައި ލަނޑެއްޖަހައި އިޓަލީގެ ލީޑް ފުޅާ ކޮށްދިނުމެވެ.
މިމޮޅާއެކު ގްރޫޕް އޭ" ގެ އެއްވަނައިގައި އިޓަލީ އޮތީ 3 ޕޮއިންޓާއި ފައިދާ 2 ލަނޑާއެކުއެވެ. ދެވަނައިގައި ބެލްޖިއަމްވެސް އޮތީ 3 ޕޮއިންޓާއި ފައިދާ ދެލަނޑާއެކުއެވެ. އެކަމަކު އިޓަލީއަށް ކުރި ލިބެނީ ރަށުން ބޭރުގައި 3 ޕޮއިންޓް ހޯދުމުންނެވެ.