މާލޭގެ ބަސް 8 ރޫޓެއްގައި ފަތިހު 5:00 ގައި ޚިދުމަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

މާލޭގެ ބަސް ޚިދުމަތް ކަމުގައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިންގާ އެމްޓީސީސީ އިން ބުނެފައިވަނީ، އަނގާރަ ދުވަހުން ފެށިގެން މި ރޫޓުތަކުގައި ޚިދުމަތް ފެށުމުގެ ވަގުތު ބަދަލުކުރުމަށް ނިންމާފައިވަނީ ކަސްޓަމަރުންގެ ޚިޔާލުތަކަށް ބިނާކޮށް ކަމަށެވެ. މީގެ ކުރިން ބަސް ޚިދުމަތް ފަށަމުން އައީ ހެނދުނު 6:00 ގައެވެ.

މި ބަދަލުގެ ތެރޭގައި އޯކިޑް ރޫޓު، އަމީނީ ރޫޓު، ސޯސަން ރޫޓު، ވެސްޓް ޕާކް، ކާނިވަލް ސަރަޙައްދު އަދި ހުޅުމާލެއަށް ދަތުރުކުރާ ރޫޓުތައްވެސް ހިމެނެއެވެ.

މީގެ އިތުރުން، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވަނީ ބަސް ޚިދުމަތާ ގުޅޭ މަޢުލޫމާތު އެއްކުރަން ފަށައިފިކަމަށް ވެސް ވިދާޅުވެފައެވެ. މީގެ ތެރޭގައި ބަހުގެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދާއި، ބަސް އެންމެ ގިނައިން ބޭނުންކުރާ ވަގުތުތަކުގެ މައުލޫމާތު ހިމެނޭކަމަށް ސަޢުދީ ވިދާޅުވިއެވެ.

އެމްޓީސީސީ އިން ވަނީ އާރްޓީއެލް ޚިދުމަތަށް 36 މިނި ބަހެއް ރާއްޖެއަށް ގެނެސްފައެވެ. އޭގެ ތެރެއިން 12 ބަސް މާލޭގައި ދުއްވަމުންދެއެވެ. މި ބަސްތަކުގައި 20 ފަސިންޖަރުންގެ ޖާގަ އަދި ވީލްޗެއަރ އެކްސެސް ހުރެއެވެ.