ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭ ސަހްޔޫނީ އިޒްރޭލުން ދިން ޢުދުވާނީ ހަމަލާތަކުގައި ޣައްޒާއިން 61 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީ ހާމަ ކުރައްވައިފިއެވެ.

އިޒްރޭލުގެ ހައްދުފަހަނައެޅި ސިފައިން ގެންދަނީ ޣައްޒާގެ އުތުރުރާއި ދެކުނު އަދި މެދުތެރެއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާ ދެމުންނެވެ. މީގެ ތެރެއިން ޣައްޒާގެ އާންމުން ރައްކާތެރިކަން ހޯދައިގެން ތިބި ސްކޫލަކަށް ދިން ހަމަލާއެއްގައި 18 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ސެއިރާތު ކޭމްޕަށް ދިން ހަމަލާއެއްގައި 8 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ހާމަ ކުރައްވައެވެ.

ޣައްޒާގެ އިތުރުން އިޒްރޭލުން މިހާރު ގެންދަނީ އަޅުވެތި ކޮށްފައިވާ ހުޅަނގު އައްސޭރީގެ އަވަށްތަކަށް އަރައި ޤަތުލް އާންމުތައް ހިންގަމުންނެވެ. އިޒްރޭލުން ހިންގަމުން އަންނަ ޤަތުލް ޢާންމުތައް ހުއްޓުވުމަށް ރަޝިޔާ އާއި ޗައިނާއިން އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް 2 ފަހަަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މިއިން ކޮންމެ ފަހަރަކުވެސް ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅި ޤަރާރު އެމެރިކާއިން ވީޓޯ ކުރީއެވެ.