އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަ ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫގައި ބޭއްވި ސަޤާފީ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ޝަރަފުވެރިކޮށް ދެއްވައިފިއެވެ.
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މާއުނގޫދޫ ކައުންސިލު ގުޅިގެން މާއުނގޫދޫ ސިއްހީ މަރުކަޒު ސަރަހައްދުގައި ކުރިޔަށްދިޔަ މި ސަޤާފީ ހަވީރުގައި ގައުމީ ދުވަހާ ގުޅިގެން މާއުނގޫދޫ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ތައްޔާރުކޮށްފައިވާ އިހުގެ ދިވެހީންގެ ދިރިއުޅުމާއި، ކޮށްއުޅުނު މަސައްކަތް ދައްކުވައިދޭ ސްޓޯލްތަކެއްވެސް އެސަރަޙައްދުގައި ގާއިމުކޮށްފައިވެއެވެ. އަދި މިހަވީރުގައި މާއުނގޫދޫ ސްކޫލުގެ ދަރިވަރުންގެ ފަރާތުން ގައުމީ ދުވަހާ ގުޅުވައިގެން ތަމްސީލާ ދުވަހާގުޅޭ ބައެއް އައިޓަމްތައް ހުށަހެޅުންވެސް އޮތެވެ.
މިސަޤާފީ ހަވީރުގައި ހުށަޅައިދިން ހަރަކާތްތަކާ އެތަނުގައި ގާއިމުކޮށްފައިހުރި ސަޤާފީ ސްޓޯލްތައް ނައިބު ރައީސް ބައްލަވާލެއްވިއެވެ. އަދި މި ހަވީރުގެ ހަރަކާތްތަކުގައި އެރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާ އާންމު ރައްޔިތުންވެސް ބައިވެރިވިއެވެ.
މީގެ އިތުރުން އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަ ކުރުމަށް މާއުނގޫދޫއަށް ވަޑައިގެންނެވި މެހުމާނުންގެ ޝަރަފުގައި މިރޭ ބާއްވާ ޖާފަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.