މިމަހުގެ 4 ވަނަ ދުވަހު ދަރުބާރުގެ ކައިރީގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަޚަމްތަކެއް ލިބިގެން އައިޖީއެމްއެޗް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ޒުވާނާ ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ނިޔާވި ޒުވާނާއަކީ އުމުރުން އެންމެ 21 އަހަރުގެ މުހައްމަދު ލީވާން އަބްދުލް ލަތީފެވެ.

ލީވާނަކީ ސައިކަލް ދުއްވަން އިން ޒުވާނާއެވެ. މި އެކްސިޑެންޓުގައި އޭނާގެ ބޮލާއި މޫނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ. އެކްސިޑެންޓް ހިނގިއިރު މަންޒަރު ފެނުނު ބައެއް މީހުން ބުނާ ގޮތުގައި ބާރު ސްޕީޑުގައި ދުއްވި ލީވާނުގެ ސައިކަލް ގޮސް ޖެހުނީ ޓެކްސީއެއްގައެވެ.

މިދުވަސްވަރު މާލެ ސަރަހައްދުގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ދަނީ ހިނގަމުންނެވެ. މިގޮތުން މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ ދަންވަރު ރޭސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ. އަދި އިއްޔެ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ވަނީ ފާރަކަށް އަރައި، ސައިކަލް ދުއްވަން އިން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.