ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގެ ޝަރީއަތް މިއަދު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ހުސެއިން ޝަމީމަށް ހަމަލާ ދީފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހު، އޭނާ ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެއަށް އަންނަނިކޮށް މަރުތޭލަކުންނެވެ. މި މައްސަލައިގައި 7 މީހަކު ހައްޔަރުކޮށްފައިވެއެވެ.

އޭގެތެރެއިން މިދުހަތު އާދަމްގެ މައްޗަށް ކުރެވެނީ ސީދާ ހަމަލާ ދިންކަމުގެ ތުހުމަތެވެ. މުހައްމަދު ޖަޒްލާނަކީ ސައިކަލު ދުއްވި މީހާކަމަށް ތުހުމަތުކުރެވޭއިރު، އަހުމަދު މައިސާން ހާޝިމްގެ މައްޗަށް ކުރެވެނީ ސައިކަލު ހޯދައިދިން ކަމުގެ ތުހުމަތެވެ. އަނެއް ހަތަރު މީހުންނަކީ ހަމަލާ ރޭވުމާއި ހަމަލާ ދިން ވަގުތު ސަރަހައްދުގައި ކާރެއްގައި މަޑުކޮށްގެން ތިބި ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ.

އަދި ހުރިހާ މީހުންގެ މައްޗަށްވެސް ކުރެވެނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ. ޝަރީއަތް ނިމެންދެން މި ހަތް މީހުންވެސް ވަނީ ބަންދުގައި ބެހެއްޓިފައެވެ.

މި ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް މިއަދު މެންދުރުފަހު 2:30 ގައެވެ.