ޗައިނާގައި އަރާމެއްނެތި ޖެހިޖެހިގެން 104 ދުވަހު މަސައްކަތް ކުރި މީހަކު މަރުވުމާއި ގުޅިގެން އެކަން އެގައުމުގެ މީޑިޔާތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. ޗައިނާގެ ބައެއް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި މަރުވި މަސައްކަތްތެރިޔާއަށް 104 ދުވަހުގެ ތެރެއިން ޗުއްޓީއަށް ދީފައި ވަނީ އެންމެ ދުވަހެކެވެ.
ޗައިނާގެ ސޯޝިއަލް ސެކިއުރިޓީ އޮފިޝަލުން މީޑިޔާތަކަށް ބުނީ މަސައްކަތްތެރިޔާ ބަލިވުމާއި އޭނާގެ މަރާދެމެދު ހޭދަވީ 2 ދުވަސްކަން މިހާތަނަށް ބެލި ބެލުންތަކުން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި އޭނާއަށް މަސައްކަތުގެ މާހައުލުގައި ޖިސްމާނީ އަނިޔާއެއް ލިިބިފައި ނުވާކަން ކަށަވަރު ވެފައިވާ ކަމަށް ސޯޝިއަލް ސެކިއުރިޓީ އޮފިޝަލުން މީޑިޔާތަކަށް މައުލޫމާތު ދީފައިވެއެވެ.
މަސައްކަތްތެރިޔާ މަރުވި މައްސަލަ ބަލަމުން އަންނަ ޒެއިޖިއާންގެ ކޯޓުން ހާމަކަޮށްފައިވާ ގޮތުގައި މަސައްކަތްތެރިޔާ މަރުވާން ދިމާވި ސަބަބަކީ އިފެކްޝަނެއްގެ ސަބަބުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ހަލާކުވުމެވެ. އަދި އެކަމަށް މަގުފަހިވި ސަބަބެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ދިފާއި ނިޒާމް ބަލިކަށި ވުމުގެ ސަބަބުންނެވެ.
މަސައްކަތްތެރިޔާގެ މަރުގެ މައްސަލާގައި ކޯޓުން ކަނޑައަޅާފައި ވަނީ، މަސައްކަތްތެރިޔާގެ މަރުގެ ޒިންމާގެ 20 އިންސައްތަ އުފުލަން ޖެހޭނީ އޭނާ މަސައްކަތް ކުރި ކުންފުނިން ކަމަށް ކަނޑައަޅާފައެވެ.
އަރާމެއް ނެތި، ހާސްކަމުގެ ތެރޭގައި ގިނަވަގުތު މަސައްކަތް ކުރުމަކީ ދިފާއީ ނިޒާމް ބަލިކަށި ކޮށްލައި ތަފާތު އެކި ބަލިތަކަށް މީހާ ހުށަހެޅިގެންދާ ކަމެކެވެ. މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ލިބޭ ނަފްސާނީ އަނިޔާތަކަކީވެސް ވަރަށް ގިނަފަހަރު އެކަމާމެދު އަޅައިނުލައި ދޫކޮށްލައިގެން ހުރެވޭ އަނިޔާތަކެކެވެ.