މަހިބަދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ލެވީނިއާ، މުހައްމަދު ޒުނާމް ނަޖުމީ (24އ) ކަމަށެވެ.

މި މަހުގެ 5 ވަނަ ދުވަހު މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި، މަހިބަދޫ ވޮލީ ކޯޓާ ދިމާ އުތުރު ބަނދަރުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 12 ދަޅު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތި ބަރުދަނަކީ 378.75 ގްރާމެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ މަހިބަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.