ރާއްޖޭގެ އިޤްތިސާދި ރަނގަޅު ކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ޖުމްލަ ރެޒާވް 443.88 މިލިޔަން ޑޮލަރަށް އަރައިފި ކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ޖުމްލަ ރެޒާވް މިދިޔަ ޖުލައި މަސް ނިމުނުއިރު ހުރީ 395.43 މިލިޔަން ޑޮލަރުގައެވެ. އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މާލިއްޔަތުން ބޭނުން ކުރެވޭ ރެޒާވުގައި މިދިޔަ އޮގަސްޓް ނިމުނުއިރު ހުރީ 61.22 މިލިޔަން ޑޮލަރުގައެވެ. މިއީ މިދިޔަ ޖުލައި މަހާ އަޅާބަލާއިރު 36 އިންސައްތައިގެ ކުރިއެރުމެކެވެ.

ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވެ ވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން އެސްޑީއެފްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން މާރުކުރުމުގެ ސަބަބުން ބޭނުން ކުރެވޭ ރެޒާވުގައި ހުރީ އެންމެ 5 މިލިޔަން ޑޮލަރުކަމަށް މަރުކަޒީ ބޭންކުން ހާމަކުރެއެވެ. ސަރުކާރުން އަމާޒަކީ އެސްޑީއެފް އަދި ބޭނުންކުރެވޭ ރިޒާވް ހިމެނޭހެން މިއަހަރުގެ ނިޔަލަށް 606 މިލިޔަން ޑޮލަރަށްވުރެ އިތުރު ކުރެއްވުމެވެ.

ރެޒާވް ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ގެންދަނީ މަރުކަޒީ ބޭންކް އެމްއެމްއޭއާ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް ތައާރަފް ކުރުމަށް މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އަވައްޓެރި އިންޑިއާއާއެކު 400 މިލިޔަން ޑޮލަރު (6.168 ބިލިޔަން ދިވެހި ރުފިޔާ) ގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ޤާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މިހާރު މި އެއްބަސްވުން އޮތީ ސޮއިކުރުމުގެ މަރުހަލާގައިކަން ފާހަގަ ކޮށްލެވެއެވެ.