‎ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމަށް، ގ.ގާކޮށި ފްލެޓް 111-ބީ، އަލްއުސްތާޒު އިސްމާއީލް ހަބީބު އަބްދުއްރަހީމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފިއެވެ.

‎އަލްއުސްތާޒު އިސްމާއީލް ހަބީބު ޢަބްދުއްރަޙީމް، މި މަގާމަށް އައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސްގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

‎މި ރަސްމިއްޔާތުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސް ވަނީ އަލްއުސްތާޒު އިސްމާއީލް ހަބީބު އަބްދުއްރަހީމްއާ ހަވާލުކުރައްވާފައެވެ.

‎އަދި، މި ރަސްމިއްޔާތުގައި ރައީސްގެ ކުރިފުޅުމަތީގައި އެމަނިކުފާނު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަލީ ރަޝީދު ހުސައިނެވެ.

‎އަލްއުސްތާޒު އިސްމާއީލް ހަބީބު އަބްދުއްރަހީމް، ވަނީ އިލެކްޝަންސް ކޮމިޝަނުގެ ވައިސް ޗެއާޕާސަންގެ މަގާމު ފާއިތުވި ތިން އަހަރު (2021-2024) އަދާކުރައްވާފައެވެ. މީގެއިތުރުން އިސްމާއީލް ހަބީބު ވަނީ ޖެހިޖެހިގެން ދެ ދައުރު އިލެކްޝަންސް ކޮމިޝަންސްގެ މެންބަރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

‎މީގެއިތުރުން އެމަނިކުފާނަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.