ތައިލެންޑުން ތަރައްގީކުރި ކޮވިޑް-19 ގެ ދެވަނަ ވެކްސިން، އިންސާނުން ބޭނުންކޮށްގެން ޓެސްޓްކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް، އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ހަމަ އެއާއެކު، ޕްލޭނަކީ، ޓެސްޓްތައް ނިމި، މިއަހަރުގެ ތެރޭގައި 5 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދުން ކަމަށްވެސް ވިދާޅުވެއެވެ.

ތައިލެންޑުން ތަރައްގީކުރި ދެވަނަ ވެކްސިނަކީ، އެގައުމުގެ ޗޫލަލޮންގްކޯރން ޔުނިވަރސިޓީން ތަރައްގީކުރި ވެކްސިނެކެވެ.

މި ވެކްސިން ހިކަންޖާއި، ރާމާމަކުނު ބޭނުންކޮށްގެން ކުރި ޓެސްޓްތަކުގެ ނަތީޖާ ކާމިޔާބު ކަމަށް ޗޫލަ ވެކްސިން ރިސާޗް ސެންޓަރުން ވާހަކަ ދެއްކެވި އޮފިޝަލެއް ކަމަށްވާ ކިއަޓް ރުޒްރަންގްތަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންސާނުން ބޭނުން ކޮށްގެން އެ ވެކްސިން ޓެސްޓްކުރުމުގެ މަސައްކަތް އޭޕްރީލްމަހުގެ ފަހުކޮޅު ނުވަތަ މެއިމަހުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ބެންކޮކްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކިއަޓް ރުޒްރަންގްތަމް ވިދާޅުވީ، ޓެސްޓްތައް ނިމި، އަހަރު ނިމެންވާއިރަށް މިލިއަނެއް ނުވަތަ 5 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށެވެ. އަދި ފަހުގެ މަރްހަލާއެއްގައި އަހަރެއްގެ މައްޗަށް 20 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗޫލަލޮންގްކޯރން ޔުނިވަރސިޓީން ތަރައްގީކުރި ވެކްސިން އެންމެ ފުރަތަމަ އުފައްދާނީ އެމެރިކާގެ ކެލިފޯނިއާގައި ކަމަށް ވެއެވެ. ނަމަވެސް، ޗޫލަ ވެކްސިން ރިސާޗް ސެންޓަރުން ވާހަކަ ދެއްކެވި ކިއަޓް ރުޒްރަންގްތަމް ވިދާޅުވީ، ފަހުގެ މަރްހަލާއަކަށް ދިއުމުން ވެކްސިން އުފައްދާނީ ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ބަޔޯނެޓް އޭޝިޔާއިންނެވެ.

ތައިލެންޑުން ތަރައްގީކުރި ކޮވިޑްގެ ދެވަނަ ވެކްސިން، އިންސާނުން ބޭނުންކޮށްގެން ޓެސްޓްކުރަން ތައްޔާރުވަމުންދާކަން ހާމަކުރިއިރު، ތައިލެންޑްގައި ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތްތައް ވަރަށް ލަސްކަމަށްބުނެ އެތައް ބައެއްގެ ފާޑުކިއުން، ކަމާބެހޭ ފަރާތްތަކަށް އަމާޒުވެފައި ވެއެވެ.

ހަމަ އެއާއެކު، އެސްޓްރަޒެނެކާގެ ވެކްސިނަށް ތައިލެންޑް މާ ބޮޑަށް ބާރޯސާވާތީ އެކަމުގެ ފާޑުކިއުންތައް ވެސް ސަރުކާރަށް އަމާޒުވެފައި ވެއެވެ.

އެސްޓްރަޒެނެކާއިން ތަރައްގީކުރި ކޮވިޑް ވެކްސިން ތައިލެންޑްގައިވެސް އުފައްދައެވެ. ތައިލެންޑްގައި އެ ވެކްސިން އުފައްދަނީ ސިއަމް ބަޔޯސައިންސްއިންނެވެ. ސިއަމް ބަޔޯސައިންސަކީ ތައިލެންޑްގެ ރަސްގެފާނުގެ އަމިއްލަފުޅު ކުންފުންޏެކެވެ.

ތައިލެންޑްގެ މަހިޑޮލް ޔުނިވަރސިޓީންވެސް ވަނީ ކޮވިޑް-19 އަށް ވެކްސިނެއް ތަރައްގީ ކޮށްފައެވެ. މިހާރު ތައްޔާރުވަމުންދަނީ އެ ވެކްސިންވެސް އިންސާނުން ބޭނުންކޮށްގެން ޓެސްޓް ކުރުމަށެވެ.