ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، މިދިޔަ އޮގަސްޓްމަހުގެ 22 ވަނަ ދުވަހު ބޭއްވެވި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ބިލުގެ މައިގަނޑު މަޤުސަދުތަކުގެ ތެރޭގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އެކަށީގެންވާ ގޮތެއްގައި ދިވެހިރާއްޖޭގެ ބިން ތަރައްޤީކޮށް ބެލެހެއްޓޭނެ ފަދައަކުން، ބިނާވެށި ޕްލޭންކުރުމަށް މަގުފަހިކުރުން ހިމެނެއެވެ.

އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްޤީކުރުމަށް މަގުފަހިވާނެ ގޮތަކަށް ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ކަނޑައެޅުންވެސް މި ޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް މި ޤާނޫނުގެ ބޭނުން ފުރިހަމަކުރުމަށް މުހިންމު ކަންތައްތަކެއް މި ޤާނޫނުގައި ހިމަނާފައިވެއެވެ.

ދިވެހިރާއްޖޭގައި އެއްވެސް ބިމެއް ތަރައްޤީކުރެވޭނީ، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ބިން ތަރައްޤީކުރުމުގެ ހުއްދަ ހޯދުމަށްފަހުގައެވެ. އަދި މި ޤާނޫނުގެ ދަށުން ދޫކުރާ ބިން ތަރައްޤީކުރުމުގެ ހުއްދައާއި އެ ހުއްދައިގައި ކަނޑައަޅައިފައިވާ ޝަރުޠުތަކާއި މުއްދަތުތަކާ އެއްގޮތަށް އަދި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅައިފައިވާ ތަރައްޤީކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް، ހުއްދަ ދޫކުރެވުނު ފަރާތުން ޢަމަލުކުރަންވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށާމް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.