މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އައު 'އުތުރު މެރިޓައިމް ސަރވިސަސް' (ޔޫއެމްއެސް) ތަޢާރަފުކުރުމުގެ ކުރިން އެކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށް، ފީޑްބެކް ހޯދުމަށް ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކަނޑުދަތުރުފަތުރުގެ ސިނާޢަތުގެ ލީޑަރުންގެ ތެރެއިން ބައެއް ބޭފުޅުންނާއެކު އެމްޕީއެލްއިން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ މަޝްވަރާތަކުގެ އަލީގައި، ބަންކަރިންގ ޚިދުމަތަކީ ކާމިޔާބު މަސައްކަތަކަށް ހެދުމުގެ ޔަޤީންކަން އޮތްކަމަށްވެސް އެމްޕީއެލްއިން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ތަޖުރިބާކާރުން، ބަންކަރިންގ ޚިދުމަތަކީ ގިނަ ފުރުޞަތުތަކެއް އެކުލެވޭ ދާއިރާއެއްކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން ވަނީ، ބަންކަރިންގ ދާއިރާ ކުރިއަރުވަމުންދާއިރު، ތިމާވެއްޓާ ރައްޓެހި "ގްރީން ބަންކަރިންގ" ޚިދުމަތް ރާއްޖޭގައި ތަޢާރަފުކުރެވޭނެ ދުވަހަކަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ މި ބަންކަރިންގ ޚިދުމަތަށް ފުރިހަމަ މާކެޓެއް ލިބޭނެކަމުގެ އިތުބާރު އޮތްކަމަށެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސީއީއޯ ވަޖީހު ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ސަރަހައްދަށް ބަލާއިރު ބަންކަރިންގ ޚިދުމަތް ފުޅާކުރުމަށް ފާހަގަކުރެވޭ ފަދަ ބޮޑެތި ފުރުޞަތުތަކެއް ހުރި ކަމަށެވެ. އަދި މި ޚިދުމަތް ހޯދުމަށް މިހާރުވެސް ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށްވެސް ވަޖީހު ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވަޖީހު ވިދާޅުވެފައިވަނީ ބަންކަބަންކަރިންގ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ މާކެޓުތަކުގައި ޕްރޮމޯޓު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ވިޓޯލްގެ އިތުރުން އެމްޕީއެލްއިންވެސް މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ތައާރަފްކުރާ ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތަކީ އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ފަށާ ހިދުމަތްތަކެކެވެ. މި ހިދުމަތަތައް މި މަހު 12 ގައި ފަށަނެކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.