ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރ އިބްރާހީމް ނައުފަލް އަދި މ. މުލަކު ރަށު ކައުންސިލުގެ މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި، މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަންއިން ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދިވެހިރާއްޖޭގެ 157 ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އެ ކުންފުނިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ ކަރަންޓު ވިއުގަ އަދުގެ ޓެކްނޮލޮޖީއާ އެއްގޮތަށް އަޕްގްރޭޑުކުރުމާއި، އައު އިންޖީނުތައް ރަށްރަށަށް ހޯދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ހިދުމަތްތައް ޒަމަނީ ކުރުމުގެ ގޮތުން ސްމާޓް މީޓަރު ގާއިމްކުރުމާ ސޯލާ ޓެކްނޮލޮޖީގެ ސިސްޓަމްތައް ރާއްޖޭގެ އަކި ހިސާބުތަކުގައި ގާއިމްކުރުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ.