މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓްތައް ގާއިމުކޮށް ހާއްސަ އޮޕަރޭޝަންއެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވަނީ މި ކަން ހާމަކޮށްކުރައްވާ އެކްސްގައި ކޮށްފައިވާ ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓްގައި ފުލުހުން ބުނެފައިވަނީ މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށެވެ. ހަމައެއާއެކު، ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ފުލުހުން ކުރަމުން ގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ފުލުހުން ވަނނީ އުޅަނދު ބޭނުން ކުރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަތޯ ޔަގީން ކުރެއްވުމަށް އިލްތިމާސްވެސް ކުރައްވާފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން މި މަސައްކަތްތައް ފަށާފައިވަނީ މިދުވަސްވަރު ގިނަ އެކްސިޑެންޓްތަކާއި ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނަ ދަނޑިވަޅެއްގައެވެ.

އަދި ސަރުކާރުންވެސް ވަނީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން 8 ކަމެއްވެސް ތަންފީޒު ކުރުމަށް ނިންމަވާފައެވެ.