އިންޑިއާގައި ފުރަތަމަ ފަހަރަށް އެމްޕޮކްސް ނުވަތަ މަކުނުވިދުރިގެ ޝައްކުކުރެވޭ ކޭސްއެއް އެޤައުމުގެ ޞިއްޙީ ވުޒާރާއިން ރިޕޯޓުކޮށްފިއެވެ.

މި ބަލިމީހާއަކީ މި ވައިރަސް ފެތުރެމުންދާ ޤައުމަކުން އިންޑިއާއަށް އައިސްފައިވާ ޒުވާން ފިރިހެނެކެވެ. އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އިންޑިއާގެ ޞިއްޙީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ބަލިމީހާ ވަނީ ހޮސްޕިޓަލެއްގައި އެކަހެރިކުރެވިފައެވެ. އަދި އޭނާގެ ޙާލަތު ރަނގަޅުކަމަށް ވިދާޅުވެފައިވެއެވެ. މި ވުޒާރާއިން ވަނީ މި ޙާލަތު ބެލެހެއްޓުމަށް "ހަރުދަނާ ފިޔަވަޅުތަކެއް" އެޅިފައިވާކަމަށް ވިދާޅުވެފައިއެވެ. އަދި އިންޑިއާގައި މި ވައިރަސް ފެތުރިފައިވާ މިންވަރު ދެނެގަތުމަށާއި އޭގެ ސޯރސް ހޯދުމަށް ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައިވެއެވެ. މި ވައިރަސްގެ ވައްތަރު އަދި ކަށަވަރުކުރެވިފައި ނުވިޔަސް، ޓެސްޓުތައް ކުރިއަށްދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ގައިންގަޔަށް ފަސޭހައިން ފެތުރޭ ކްލޭޑް 1ބީ ސްޓްރެއިން އަކީ ފަހަކަށް އައިސް ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ވައްތަރެކެވެ. މިދިޔަ ހަފްތާގައި ސްވީޑަންގައި ފެނުނު ކޭސްއަކީ އެފްރިކާގައި ފެތުރެމުންދާ ބަލިމަޑުކަމާ ގުޅުންހުރި ކޭސްއެކެވެ. އިންޑިއާގައި ކުރިން 2022 އިން 2024 ގެ މާރޗް މަހާ ހަމައަށް ކްލޭޑް 2 ސްޓްރެއިންގެ 30 ކޭސް ފެނިފައިވީނަމަވެސް، މި އައު ކޭސްއަކީ ނުރައްކާތެރި ކުރިއެރުމެކެވެ.

މި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއަށެވެ. އެ ޤައުމުގައި 5،000 އަށްވުރެ ގިނަ ކޭސް ކަށަވަރުވެފައިވާއިރު، މިހާތަނަށް 500 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މީގެ އިތުރުން، މި ވައިރަސް ދަނީ ކޮންގޯއާ އިންވެގެންވާ ޤައުމުތަކަށް އަވަސް ސްޕީޑެއްގައި ފެތުރެމުންނެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ އެމްޕޮކްސްއަކީ ބައިނަލްއަޤްވާމީ ކަންބޮޑުވުމެއްގެ ގޮތުގައި ޞިއްޙީ ކުއްލި ނުރައްކަލެއްކަމަށް އިޢުލާންކޮށްފައެވެ. ނަމަވެސް، މިއީ އިތުރު ކޮވިޑް-19 އެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ. މި ވައިރަސް ޕާކިސްތާނާއި ފިލިޕީންސް އަދި ތައިލެންޑުގައިވެސް ފެނިފައިވެއެވެ.