އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ އިއްތިހާދު، ނޭޓޯގެ މެމްބަރު ދެ ގައުމު ކަމުގައިވާ ރޮމޭނިޔާ އާއި ލެޓްވިޔާގެ ވައިގެ ސަރަހައްދަށް ޤަވައިދާ ޚިލާފަށް ރަޝިޔާގެ ޑްރޯންތައް ވަދެފައިވާ ކަމަށް އެ ދެގައުމުން ތުހުމަތު ކޮށްފިއެވެ.

ރޮމޭނިޔާ ޑިފެންސް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރަޝިޔާގެ ޑްރޯންތައް ޔޫކްރައިނަށް ހަމަލާ ދިނުމަށް ރޮމޭނިޔާގެ ވައިގެ ސަރަހައްދު ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި ރަޝިޔާގެ ޣައިރު ޤާނޫނީ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް ރޮމޭނިޔާގެ ޑިފެންސް މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ލެޓްވިޔާގެ ރައީސް އެޑްގާސް ރިންކެވިކްސް ވިދާޅުވީ އެގައުމުގެ ވައިގެ ސަރަހައްދަށް ޤަވައިދާ ޚިލާފަށް ވަދެ ޔޫކްރައިނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި ޑްރޯނެއް ލެޓްވިޔާގެ ބޯޑަރު ސަރަހައްދަށް ވެއްޓިފައިވާ ކަމަށެވެ. ރައީސް އެޑްގާސް ވިދާޅުވީ ރަޝިޔާގެ ޑްރޯނެއް ލެޓްވިޔާގެ ރިޒިކްނީ ޓައުނަށް ވެއްޓިފައިވާ ކަމަށެވެ. މިޓައުނުގައި 25،000 މީހުން ދިރިއުޅޭއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަން ރިޕޯޓް ކޮށްފައެއް ނުވެއެވެ. ރިޒިކްނީ ޓައުނަކީ ރަޝިޔާގެ ހުޅަނގުން 75 ކިލޯ މީޓަރު ދުރުގައިވާ ޓައުނެކެވެ.

ރަޝިޔާއިން ލެޓްވިޔާ އާއި ރޮމޭނިޔާގެ ވައިގެ ސަރަހައްދު ޤަވައިދާ ޚިލާފަށް ބޭނުން ކުރި މައްސަލާގައި ނޭޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި ރޫމިނިއާގެ ކުރީގެ ޓޮޕް ޑިޕްލޮމެޓް މިރްސީއާ ޖިއޮއާނާ ވިދާޅުވީ ރޫމިނިއާގެ ވައިގެ ސަރަހައްދު ރަޝިޔާއިން ބޭނުން ކުރުން ނޭޓޯއިން ކުށްވެރިކުރާ ކަމަށެވެ. "ރަޝިޔާއިން ނޭޓޯގެ އިއްތިހާދުގެ ގައުމުތަކަށް ގަސްތުގައި ހަމަލާދިން ކަމުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެންނަށް ނެތް ނަމަވެސް، މި އަމަލުތަކަކީ ޒިންމާދާރުކަން ކުޑަ އަދި ނުރައްކާތެރި އަމަލުތަކެއް،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޖިއޮއާނާ ލިޔުއްވާފައިވެއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރެޔަކީ ރަޝިޔާއިން ޑްރޯން ބޭނުން ކޮށްގެން ޔޫކްރައިނަށް މިހާތަނަށް އެންމެ ވަރުގަދަ ހަމަލާއެއް ދޭން މަސައްކަތް ކުރި ފަހަރެވެ. ޔޫކްރައިނުގެ އަސްކަރިއްޔާއިން ހާމަކޮށްފައިިވާ ގޮތުގައި ރަޝިޔާއިން ވަނީ 68 ޑްރޯން ބޭނުން ކޮށްގެން ޔޫކްރައިނަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައެވެ. މީގެ ތެރެއިން ގިނަ ޑްރޯންތަކެއް ޔޫކްރައިނުގެ ވައިގެ ދިފާއީ ބާރުން ނައްތާލިކަމަށް ޔޫކްރައިނުގެ އަސްކަރިއްޔާއިން ބުނެއެވެ. ރަޝިޔާ ޑްރޯނެއްގެ ބައިތަކެއް ޔޫކްރައިނުގެ ޤާނޫނު ހަދާ މަޖިލީހުގެ ގޯތި ތެރެއިންވެސް ފެނިފައިވާކަން ފާހަގަ ކޮށްލެވެއެވެ.