އަލްޖީރިއާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޑޮކްޓަރ އަލީ އޭޝްވީއާއި ޖިބޫޓީގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ އީސޭ އަބްދުﷲހި އަސޮވޭގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު ރައީސް އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް މި ދެ ސަފީރުންވެސް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
މީގެއިތުރުން މި ދެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން އެމަނިކުފާނު ވަނީ އެ ސަފީރުންނަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ.
އެއަށްފަހު އަލްޖީރިއާގެ ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ދެ ގައުމުގެ މެދުގައި އިސްލާމީ އިލްމުގެ ދާއިރާއިން މަތީ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފަހިކުރުން ހިމެނެއެވެ.
ހަމައެއާއެކު، އެއަށްފަހު އައު ސަފީރާވެސް ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމާއި، ކަނޑުފޭރުންފަދަ ކަންކަން ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ.
ދިވެހިރާއްޖެއާ އަލްޖީރިއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1988 ވަނަ އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހުގައެވެ. އަދި ދިވެހިރާއްޖެއާ ޖިބޫޓީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2008 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުގައެވެ.
އަލްޖީރިއާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އަލްޖީރިއާގެ ސަފީރު ހުންނަވާނީ އިންޑިއާގައެވެ. ޖިބޫޓީގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ޖިބޫޓީ ސަފީރު ހުންނަވާނީ އިންޑިއާގައެވެ.