ސޯސަން މަގު ކަންމައްޗަށްވާ ގޮތަށް ހުރި ހ. ދޫހިމެރިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައިޖެހުނު 37 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އިއްޔެ މެންދުރުފަހު ތިނެއް ޖަހާކަށް ހާއިރު ހިނގި އަލިފާނުގައި ހާދިސާގައި ދޫހިމެރިމަގާއި ސޯސަން މަގު ކަންމައްޗަށްވާ ގޮތަށް ހުރި ގާމަގު ކެފޭގައި ރޯވި އަލިފާން ނިއްވާލެވުނީ ހަވީރު 4:30 ހާއިރުއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން މައުލޫމާތު ދީފައިވާގޮތުގައި ދުމުގެ އަސަރުކޮށްގެން ދެ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ. މީގެ ތެރެއިން އުމުރުން 30 އަހަރުގެ ބިދޭސީ އަންހެނާ މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި 48 އަހަރުގެ ދިވެހި އަންހެނާގެ ހާލުވެސް ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.
އަދި ގިނަ އަދަދަކަށް ޓިނާއި ލަކުޑިން ހަދާފައިވާ އެތަނުގެ ދަށުގައި ހުރި ލަކުޑި ތަކުގައި އަލިފާނުގެ އަސަރުހުރުމުން މިހާރުވެސް ދޭތެރެ ދޭތެރެއިން ހުޅުހިފާގޮތްވާ ކަމަށާއި ނަމަވެސް އަލިފާން ނިއްވާލުމަށްފަހު މޮނިޓަރ ކުރަމުން އަންނަ ކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވެއެވެ.
ނޫހިމެރިގެ ތިރީގައި “ގާމަގު ކެފޭ” ހުންނައިރު ފުރަތަމަ ފަންގިފިލާ އަކީ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެކެވެ. މި އިމާރާތަކީ ޑެގު އަޅައި، ވަށައިގެން ޓިނު ޖަހައިގެން ހަދާފައިވާ އިމާރާތެކެވެ. އަލިފާނުގެ ހާދިސާގައި މި އިމާރާތަށް ވަނީ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ 37 މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 15 ބިދޭސީންނެވެ.