މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
ފުލުހުން ބުނީ މި މަސައްކަތުގެ ތެރެއިން، މާލެއާއި ހުޅުމާލޭގެ މަގުތައް ބެލެހެއްޓުން ފުޅާކޮށް ފުލުހުން އިތުރަށް ހަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.
އެގޮތުން، ކާރުބާރު ބޮޑުވާ މަގުތައް، ހާއްސަކޮށް މާލެ ބޮޑުތަކުރުފާނުމަގު، މަޖީދީމަގު، މާރުކޭޓު ސަރަހައްދު، ސްކޫލުތައް ހިމެނޭ މަގުތައް، ހަތަރުއަނގޮޅި ހިމެނޭ ބޮޑެތި މަގުތައް އަދި މާލެއާއި ހުޅުމާލެ ބްރިޖުު ފެށޭ އަދި ނިމޭ ހިސާބުގެ އިތުރުން އެއާޕޯޓު ޓްރެފިކް ލައިޓު ކައިރި، ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދާއި ސްކޫލުތައް ހިމެނޭ ސަރަހައްދުތައް އަދި އެހެނިހެން ހިސާބުތަކުގައި ވެސް މަގުތައް ތަރުތީބުކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.
މި މަސައްކަތުގެ ދަށުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އާންމުނަށް ފުލުހުން ދަނީ އިރުޝާދު ދެމުންނެވެ.
- އުޅަނދު ދުއްވަން އެރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކަން ޔަގީން ކުރުން
- ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުން
- ޓްރެފިކް ނިޝާންތަކަށް ސަމާލުވުންރައްކާތެރި ހެލްމެޓް އަޅުއްވައި ހެލްމެޓްގެ ބަކުލް އަޅުއްވާ ބާރުކުރެއްވުން
- 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވޭ ސަރަހައްދު ތަކުގައި 4 ފުރޮޅުލީ އުޅަނދު ދުއްވާއިރު ސީޓްބެލްޓް އެޅުއްވުން
- އުޅަނދު ދުއްވާއިރު މޯބައިލް ފޯނު ބޭނުން ނުކުރެއްވުން
- ކުޑަކުދިން 4 ފުރޮޅުލީ އުޅަނދުގައި ގެންދާއިރު އެކުދިންނަށް ހާއްސަ ގޮނޑި ބޭނުން ކުރެއްވުން
- އުޅަނދުތަކުގައި މުދާ އުފުލާއިރު ރައްކާތެރިކަމަށް އިސްކަންދެއްވުން
މީގެއިތުރުން މިނޫނަސް ރައްކާތެރިކަމުގެ ގޮތުން ސަމާލުކަންދޭންވީ ކަންކަން ފުލުހުން އާންމުންނާ ހިއްސާކުރަމުން ގެންދާނެއެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ޝުކުރިއްޔާ ފުލުހުން.