ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިން ސަރވިސް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަކަމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ވަލީދު މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ. ހިނާ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުﷲ ރާފިޢު ވެސް ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވިއެވެ.
ބަންކަރިން ސަރވިސް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކަށް އަލިއަޅުވާލައްވައި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް ބަންކަރިންގ ސަރވިސް ފެށުމަށް ގެންނަންޖެހޭ ބޯޓުތައް ގެނައުންފަދަ ތައްޔާރީތައް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމް.ޕީ.އެލް) އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ކަމާގުޅޭ ފަރާތްތައް ގުޅިގެން ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން ދިވެހި މުޖުތަމަޢުގައި ރަނގަޅުކުރަން ހުރި އެކިއެކި ކަންކަމުގެ މައްޗަށާއި ހާއްސަކޮށް ދިވެހިންގެ ތެރެއިން ގެއްލެމުންދާ އަހުލާގީ ރީތި ސިފަތައް އިޔާދަކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުތަކަށް ވެސް އިސް ތަރުޖަމާނު ހީނާ ވަލީދުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިއު ދެއްކެވި ވާހަކަފުޅުގައި މި ވަގުތު ރާއްޖޭގެ ހުރިހާ ރަށެއްގައި ޖުމްލަ 264 މަޝްރޫއެއް ކުރިޔަށްދާކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ މި ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އެމިނިސްޓްރީގެ ދާއިރާގައި ހިމެނޭ އެކި މަޝްރޫއުތަކަށް ޖުމްލަ 118 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމުގައި މިނިސްޓަރ އަބްދުﷲ ރާފިއު ފާހަގަކުރެއްވިއެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި ފުޓްބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތަކާއި ވޮލީކޯޓުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަޝްރޫޢުތައް ހިމެނޭކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މިހާތަނަށް ބައިނަލް އަގުވާމީ 10 މުބާރާތެއް ރާއްޖޭގައި ބާއްވާފައި ވާކަމަށާއި އަދި މިހާރު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށްދާ މުބާރާތާއެކު އިތުރު 6 ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވާކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނާއި މިނިސްޓަރ ޢަބްދުﷲ ރާފިއު ވަނީ ނޫސްވެރިން ކުރެއްވި އެކިއެކި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.