އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި، ލ. މުންޑޫ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ރަށުގެ ކަނބަލުންނަށް މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމް ފަށްޓަވައިދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެސް 1، ކެޕްޓަން އަބްދުﷲ ފިޔާޒު ކަމަށެވެ.

އަދި މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައުއެއް ބިނާކުރުމުގެ މަގުސަދުގައި އެ ރަށު ކައުންސިލްއާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ. މި ޕްރޮގްރާމްގައި އެ ރަށުގެ 29 ކަނބަލުން ބައިވެރިވެފައިވެއެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 9 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށެވެ.