ދިވެހި ރާއްޖޭގެ ގާނޫނާ ގަވާއިދާ އެއްގޮތަށް އެސޯސިއޭޝަންތަކުން އަމަލުކުރަން ޖެހޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ރާފިއު އިތުރަށް ވިދާޅުވީ ބައެއް އެސޯސިއޭޝަންތަކުން ކޯޓުތަކަށް މައްސަލަ ހުށަހަޅާއިރު، އެ ބާރު ލިބެނީ ގަވާއިދުތައް ހެދިފައި ހުރި ގޮތުން، ފުށުއަރާ މާއްދާތަކެއް ހުރުމުގެ ސަބަބުން ކަމަށާއި، އެކަންކަން ރަނގަޅުކުރުމުން ދިގު މުއްދަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް އެސޯސިއޭޝަނެއްގެ އިންތިހާބަށް ނުފޯރުވާނަ ކަމަށާއި، އެސޯސިއޭޝަންތައް ހިންގަން ޖެހޭނީ އަމިއްލަ މުއައްސަސާއެއްގެ ގޮތުގައި ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިނިސްޓަރ ވިދާޅުވީ ގާނޫނާ ގަވާއިދާ ހިލާފު ކަމެއް އެސޯސިއޭޝަނަކުން ކުރާނަމަ، އެސޯސިއޭޝަންތަކުގެ ބެލެނިވެރި ފަރާތް ސްޕޯޓްސް ކޮމިޝަނުން އެކަމަށް ތަދައްހުލްވާނެ ކަމަށެވެ.