ވަރލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި މަޝްހޫރު ބްރެޒިލް ރޭ ބަލިވެއްޖެއެވެ.
އެންމެފަހުގެ ވަރލްޑް ކަޕާއި އެންމެފަހުގެ ކޮޕާ އެމެރިކާ ކާމިޔާބުކޮށް ވަރަށް ވަރުގަދަ ފޯމެއްގައި އޮތް އާޖެންޓީނާ ބަލިވީ ކޮލަމްބިޔާއާ ވާދަކޮށް 2-1 އިންނެވެ. ކޮލަމްބިޔާގައި ކުޅުނު މިމެޗަކީ، އެންމެފަހުގެ ކޮޕާ އެމެރިކާ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި ބަލިވުމުގެ ބަދަލު ހިފަން ކޮލަމްބިޔާއިން ވަރަށް މަސައްކަތް ކުރާނެ މެޗެއްގެ ގޮތުގައި ކުރިންވެސް އޮތީ ބެލެވިފައެވެ.
ކޮލަމްބިޔާއިން މެޗުގެ ލީޑް ނެގީ 25 ވަނަ މިނެޓުގައި ޔާސަން މަސްކުއެރާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އާޖެންޓީނާއިން އެއްވަރު ކުރީ 48 ވަނަ މިނެޓުގައި ނިކޮލަސް ގޮންޒާލޭސް ކާމިޔާބު ކުރި ލަނޑުންނެވެ. ކޮލަމްބިޔާއިން ދެވަނަ ފަހަރަށް ލީޑް ނެގީ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އެންމެފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ތަޖުރިބާކާރު މިޑްފީލްޑަރު ހެމެސް ރޮޑްރިގޭޒެވެ.
ކޮލިފައިންގައި މިދިޔަ ހަފްތާގައި ޗިލީ އަތުން 3-0 އިން އާޖެންޓީނާ މޮޅުވި މެޗާއި ރޭ ކޮލަމްބިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ނުކުޅެއެވެ. މި ދެމެޗަށް ނެގި ސްކޮޑުން މެސީ ބާކީ ކުރީ އަނިޔާއިން މުޅިން ފިޓް ނުވާތީ ރިސްކެއް ނުނެގުމުގެ ގޮތުންނެވެ.
މިމެޗުން ބަލިވިނަމަވެސް 18 ޕޮއިންޓާއެކު ދެކުނު އެމެރިކާ ޒޯނުގެ އެއްވަނައިގައި އޮތީ އާޖެންޓީނާއެވެ. މިފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު އެއްވެސް ބަލިވެފައި ނުވާ ކޮލަމްބިޔާ ދެވަނައިގައި އޮތީ 16 ޕޮއިންޓާއެކުއެވެ. އެއީ 4 މެޗުން މޮޅުވެ 4 މެޗުން އެއްވަރު ކޮށްގެންނެވެ. ކޮލިފައިންގައި ދެކުނު އެމެރިކާ ޒޯނުން މިހާތަނަށް ބަލިނުވެ އޮތް ހަމައެކަނި ގައުމަކީވެސް ކޮލަމްބިޔާކަން ފާހަގަ ކޮށްލެވެއެވެ.
ފަސް ފަހަރު ވަރލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލް ރޭ ބަލިވީ ޕެރަގުއޭއާ ވާދަކޮށް 1-0 އިންނެވެ. ޕެރަގުއޭގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިއޭގޯ ގޮމޭޒެވެ.
މިއީ މިފަހަރުގެ ކޮލިފައިންގައި ބްރެޒިލް ކުޅުނު 8 މެޗުގެ ތެރެއިން ބަލިވި 4 ވަނަ މެޗެވެ. ކޮލިފައިންގައި ބްރެޒިލް އޮތީ 10 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ. ހަތަރުވަނައިގައި 11 ޕޮއިންޓާއެކު އިކްއެޑޯރު އޮތްއިރު، 15 ޕޮއިންޓާއެކު 3 ވަަނައިގައި އޮތީ އުރުގުއޭއެވެ.