ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން "ސީސީސީ" އިން "ސީސީ" އަށް ބަދަލުކުރުމާއެކު ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުގައި ރާއްޖޭއިން ވިއްކާފައިވާ ސުކޫކެއް ޑިފޯލްޓްވުމުގެ ފުރުސަތު އޮތްކަމަށް ރިޕޯޓްކޮށް، ޚަބަރުތަކުގައި އެ ސުކޫކަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކުގެ ވާހަކަތަށްވެސް ރިޕޯޓްކޮށްފައިވީނަމަވެސް އިންވެސްޓަރުންގެ އެކަންބޮޑުވުންތަކަށް ހައްލުލިބޭނެ ކަމުގެ ޔަގީންކަން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ދެއްވައިފިއެވެ.

އެގޮތުން، ރާއްޖެއިން މިއަހަރު ސްކޫކަށް ދައްކަން ޖެހޭ ދެވަނަ ކޫޕަން ޕޭމަންޓް އަންނަ މަހު 8 އަކަށް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވަޒީރު ޑރ. ޝަފީޤް ވިދާޅުވިއެވެ. ރާއްޖެއިން އަންނަމަހު ސްކޫކަށް ދައްކަން ޖެހޭ ކޫޕަން ޕޭމަންޓުގެ އަދަދަކީ ގާތްގަނޑަކަށް 25 މިލިއަނެއްހާ ޑޮލަރެވެ.

އަންނަ އޮކްޓޯބަރު މަހު އެ ފައިސާ ދެއްކުމާ އެކު ރާއްޖޭގެ ސްކޫކުގެ އަގު ރަނގަޅު ވާނެ ކަމަށްވެސް މާލީ ވަޒީރު ޔަގީންކަން އަރުވައެވެ .އަދި އަންނަ މަހުގެ ސްކޫކު ޕޭމަންޓަކީ ސަރުކާރުން މިއަހަރު ސުކޫކަށް ދައްކަންޖެހޭ އެންމެ ފަހު ޕޭމަންޓެވެ. މިހާތަނަށް ސަރުކާރުން އަންނަނީ ސުކޫކަށް ދައްކަންޖެހޭ އެއްވެސް ޕޭމަންޓެއް ޑިފޯލްޓްނުވެ ބަރާބަރަށް ދައްކަމުންނެވެ.

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤް އިންވެސްޓާރުންނާއި ރާއްޖޭގެ ރައްޔިތުންނަށް ސުކޫކަށް ފައިސާ ދެއްކޭނެ ޔަގީންކަން ދެއްވިއިރު ސަރުކާރުން އަންދާޒާކުރިގޮތަށް ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވުވެސް މިހާރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ ސަރުކާރުން ލަފާކުރި ލަފާކުރުންތަކަށް ވުރެ ރިޒާވުގެ އަދަދު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝަދާއާއި އެއްގޮތަށް ގެންނަ އިސްލާހީ ފިޔަވަޅުތަކާއި އެކު ރާއްޖޭގެ އިޤްތިސާދަށްވެސް އެދެވޭ ބަދަލެއް ގެނެވި ރާއްޖޭގެ ރިޒާވްގެ ހާލަތުވެސް ރަނގަޅުވެގެންދާނެ ކަމަށް ވަޒީރު ލަފާކުރައްވައެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ރިޒާވްގައި މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމުލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރެވެ. މި އަދަދުގެ ތެރޭގައި 2019 ވަނަ އަހަރު ޑިސެންބަރުން ފެށިގެން ސަރުކާރުން ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ޑޮލަރު މާރުކުރުމަށްފަހު ރިޒާވަށް ބޭނުންކުރުމަށް ދީފައިވާ ފައިސާ ހިމެނޭކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، އެމްއެމްއޭއިން އާންމުކުރި ތާފާސްހިސާބުތަކަށް ބަލާއިރު 2023 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުނު އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރީ 5 މިލިއަން ޑޮލަރުގެ އަދަދު މިހާރު ވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭއިން ހާމަކުރަނީ ސޮވަރިން ޑިވެލޮޕްމަންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިއުމެވެ. އަދި، ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން، ޖުލައި 2024 ގެ ނިޔަލަށް ޖުމުލަ 105 މިލިއަން ޑޮލަރު ހުރިކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 2024 ގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމުގައިވާ 606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށްވެސް އެމްއެމްއޭއިން އަންދާޒާކުރެވެއެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މާލީ ވުޒާރާއާއި އެމްއެމްއޭއާއި ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންވެ.