ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަނީ ދިވެހި ރާއްޖޭގެ ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. މިގޮތުން އެމަނިކުފާނު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ޖުލައި 1959 ގައެވެ. އަދި ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 މޭ 2008 ގައިއެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ ގެ ޚިދުމަތްތައް ފާހަގަކުރައްވަމުން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޢަބްދުލްޢަޒީޒް ޢަބްދުﷲ އަކީ ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކު ޚިދުމަތްކުރައްވާ، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލްކުރައްވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާ، އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ.

ރައީސް ވަނީ ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުން އެދި ދުއާ ދަންނަވާފައިވެސްވެއެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ ވަނީ ރައީސް އޮފީހުގެ ސެކްރެޓެރީއެއްގެ މަގާމާއި ޏ. އަތޮޅު އަތޮޅުވެރިކަމާއި ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެކިއެކި މާޤާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ ޏ. އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިއެވެ.