ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
މި އޮޕެރޭޝަނުގައި އިއްޔެ މާލޭގައި ތިނެ ގެއެއް ވަނީ ބަލައި ފާސްކޮށްފައެވެ. މިގޮތުންް އިއްޔެ ވަނީ ގަވާއިދާ ހިލާފަށް އުޅޭ ތިން ބިދޭސީއަކު ވަނީ ހިފަހައްޓާ ފުލހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފަވާއިރު އެ ކަހަލަ ތަންތަން ބިދޭސީންނަށް ކުއްޔަށް ދީފައިވާ މީހުންނާ މެދުގައިވެސް ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ވަނީ ނިންމަވާފައެވެ.