ހދ. ކުޅުދުއްފުށި ސިޓީގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިކަން ހާމަކުރައްވާފައި ވަނީ ރޭ މީޑިއަތަކަށް ފޮނުވި މެސެޖެއްގައެވެ. ފުލުހުން ބުނީ އޭނާގެ ޕޯސްޓްމޯޓަމް ހަދަން ރޭ މާލެ ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.

އެރަށު އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮތްވާ ފެނުނީ ޑެއިޒީފެހި، އުމުރުން 36 އަހަރުގެ ހަސަން މުހައްމަދެވެ. ފުލުހުންނަށް އޭނާގެ ހަށިގަނޑު ފެނިގެން ރިޕޯޓްކުރީ އިއްޔެ ހެނދުނު 08:17 ގައެވެ.

އަދި އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ. އޭނާ މިހާރުވެސް އޮތީ އެ ހޮސްޕިޓަލުގައެވެ.