ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް މިހާރު ބާޒާރުގައި ވިއްކަމުންދަނީ ވަރަށް ބޮޑު އަގުގައި ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އަންގަވާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ މީސްމީޑިޔާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލިބޭ މިންވަރުގައިކަން ފާހަގަކުރައްވާފައިވެއެވެ.

މިކަމަށް ފިޔަވަޅު އެޅުއްވުމުން ބޭހުގެ ބާޒާރުގެ އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ. އަދި މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމުގައި ރައީސްގެ ޕޯސްޓުގައިވެއެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިއުލާންކުރެވޭނެކަމުގައި ވެސް މި ޕޯސްޓުގައި ރައީސް ވިދާޅުވެފައި ވެއެވެ.