އޭޝިޔަން ސެންޓަރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕް (ކަވާ) ގެ ފައިނަލުގައި ރޭ 3-2 ސެޓުން ރާއްޖެ ބަލިވިނަމަވެސް، އަންހެން ޤައުމީ ޓީމު ކުރި ހިތްވަރަށާއި ދެއްކި މޮޅު ކުޅުމަށް ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަދި ނައިބް ރައީސް ހުސައިން މުހައްމަދު ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

މާލޭ ސޯޝިއަލް ސެންޓަރު، އިންޑޯ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ސެޓް ކިރްގިސްތާނުން ގެންދިޔައީ 17-25 ޕޮއިންޓުންނެވެ. އެކަމަކު ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން ވަރަށް ހިތްވަރުކޮށް ސެޓް ގެންދިޔައީ 26-24 ޕޮއިންޓުންނެވެ. ދިވެހި ސަޕޯޓަރުންްގެ އަޑުން ކޯޓް ގުގުމަމުންދިޔައިރު، ދެވަނަ ސެޓް ރާއްޖެއިން ފެށީ ވަރަށް ރަނގަޅަށެވެ. ސެޓުގެ ކުރީކޮޅު ރާއްޖެއިން 4 ޕޮއިންޓުގެ ލީޑެއްވެސް ނެގިއެވެ. އެކަމަކު ސަރވިސްތަކެއް ރިސީވް ނުކުރެވުމާއި ބޭރަށް ދާނެ ކަމަށް ދޫކޮށްލި ބައެއް ބޯޅަތައް ކޯޓުގެ ތެރެއަށް ވެއްޓުމުގެ ސަބަބުން ކިރްގިސްތާނަށް ލީޑް ލިބުނީއެވެ. އެކަމަކު ކިރްގިސްތާނުން ފޮނުވާލި ބާރު ގިނަަ ޝޮޓްތަކެއް މިސެޓުގައި ރާއްޖޭގެ ކުޅުންތެރިން ނެގިކަން ފާހަގަ ކޮށްލެވެއެވެ. ކިރްގިސްތާނުން މި ސެޓް ގެންދިޔައީ 18-25 އިންނެވެ.

ދިވެހި އަންހެން ޤައުމީ ޓީމަށް ތަރުހީބު ދިން ކުއްޖަކު މެޗަށްފަހު ދެރަވެފައި. ފޮޓޯ: ސިޑިބަރި

ކަށިން ހިތްވަރު ނެރެގެން ކުޅެން ޖެހިފައި އޮތް ހަތަރުވަނަ ސެޓް ރާއްޖެއިން ތަފާތު މޮޅަށް ކުޅެ ފަހަތުން އަރައި 22-25 ޕޮއިންޓުން ކާމިޔާބު ކުރުމާއެކު ކުޅިބަލަން ކޯޓުގައި އިންނެވި ރާއްޖޭގެ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރައްހީމް އަބްދުﷲ ގެ ފަރާތްޕުޅުން ފެނުނީ ތަފާތު ފޯރިއަކާއި ޖޯޝެކެވެ. މި ސެޓް ކާމިޔާބު ކުރެވުމާއެކު ރާއްޖޭ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ލޮލުން އުފާވެރިކަމުގެ ކަރުނަލަ ހިލިގެންދިޔައެވެ. ހަގީގަތުގައި މިސެޓަކީ މި މުބާރާތުގައި މިފަހަރު ފެނުނު އެންމެ މޮޅު ސެޓެވެ. ދިވެހި ކުޅުންތެރިންގެ ހުނަރުވެރިކަމާއި ހިތްވަރު މި ސެޓުން ވަރަށް ފެނިގެންދިޔައެވެ.

ނަތީޖާ ކަނޑައަޅަން ކުޅުނު 5 ވަނަ ސެޓުގައި ކިރްގިސްތާނުން އެޓީމުގެ ތަޖުރިބާ ބޭނުން ހިފައި ސެޓުގެ ކުރީކޮޅު ރަނގަޅު ލީޑެއް ނެގިއެވެ. ބާރު ޖެހުންތެރިޔާ ރޯޒާގެ ހަމަލާތައް ދިވެހި ކޯޓަށް ފުލުފުލުގައި އަމާޒު ވަމުންދިޔައިރު، ޝޮޓްތައް ދިފާއު ކުރުމުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ބޮޑަށް ވަރުބަލިވެފައިވާ ކަމުގެ އިހްސާސެވެ. މި ސެޓް ކިރްގިސްތާނުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ 9-15 ޕޮއިންޓުން ކާމިޔާބު ކޮށްގެންނެވެ.

ދިވެހި ޓީމުގެ ކުޅުންތެރިޔަކު މެޗަށްފަހު ރޮނީ. މޮޅަށް ކުޅެ، 5 ވަނަ ސެޓުގައި ބަލިވުމުން ދިވެހި ކުޅުންތެރިންނަށް ވަރަށް ފުންއަސަރުތަކެއް ކުރި. ފޮޓޯ: ސިޑިބަރި

މެޗަށްފަހު ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދިވެހި އަންހެން ޤައުމީ ޓީމުގެ ހިތްވަރާއި ޢަޒުމާއި މެދު ފަޚްރުވެރިވެ ސާބަސް ދެއްވާ ކަމަށެވެ. އަދި އިތުރު ކާމިޔާބީ އާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގައުމީ އަންހެން ވޮލީ ޓީމަށް ހިތްވައި ދެއްވައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުޅުންތެރިންގެ ހުނަރާއި ވާދަވެރިކަމުގެ ރޫހާމެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. "އެންމެ ބޭނުންވި ނަތީޖާ ނުލިބުނުނަމަވެސް މިރޭ (ރޭ) ތިޔައީ ދިވެހިންގެ ޗެމްޕިއަނުން. ‏ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ދިވެހި ޤައުމީ އަންހެން ވޮލީބޯޅަ ޓީމުން ދެއްކި ހިތްވަރާ މޮޅުކުޅުމަށް ސާބަސް ރައްދުކުރަން. ތިޔަ ކުޅުންތެރިންގެ ހުނަރާއި ވާދަވެރިކަމުގެ ރޫޙާމެދު ފަޚުރުވެރިވަން" ނައިބް ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.