ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއްގެ ވިޔަފާރި ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުން ބުނީ އެ ވިޔަފާރިތައް ހުއްޓުވާފައިވަނީ މާލެ ސިޓީ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ދުވަހެއްގެ މަތިން ހިންގިމި އޮޕަރޭޝަންގެ ތެރެއިން މި މަހުގެ ތިން ވަނަ ދުވަހު އެންމެ ފުރަތަމަ ބަލާ ފާސްކުރީ ޓްރާންސްފާ މޯލްޑިވްސްގެ ނަމުގައި، ހުއްދަ ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިޔަ ތަނެކެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ވަނީ އެ ތަނުގެ ވިޔަފާރި ހުއްޓުވައި، ނޯޓިސް ހަރުކޮށްފައެވެ.

މީގެއިތުރުން ފުލުހުން ބުނީ އިއްޔެވެސް އެފަދަ އޮޕަރޭޝަނެއް ހިންގައި ވަނީ ބޭރު ފައިސާގެ މުއާމަލާތް ހިންގާ ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަ ފިހާރަ އެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެތަނަކީވެސް އެމްއެމްއޭއިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ދީފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ވަގުތީގޮތުން ބާތިލުކޮށްފައިވާ ކަމަށެވެ.

އަދި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް ތަންތަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މި އޮޕަރޭޝަންގައި އިރުޝާދުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.