މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖައްސަވާފައިވާކަން އިއުލާންކުރެއްވީ އިއްޔެ ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ރައީސް މިގޮތަށް ހަމަޖެއްސެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ރައީސް މިގޮތަށް ހަމަޖެއްސެވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރުމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، އެ މަރުކަޒަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީކަން ބަޔާންކުރައްވާފައިވެއެވެ.