މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އުވައިލައްވައިފިއެވެ.

އެމަނިކުފާނު މި އޮތޯރިޓީ އުވާލައްވާފައިވާކަން އިއުލާންކުރެއްވީ އިއްޔެ ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ރައީސް މި އޮތޯރިޓީ އުވާލެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރަމުންދާގޮތަށް ހަމަޖައްސަވައިފައިވާ ކަމުގައިވެސް ބަޔާންކުރައްވާފައިވެއެވެ.

އަދި މިގޮތަށް ހަމަޖެއްސެވީ، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކުރަމުންއައި މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި، މިހާރަށްވުރެ ހަރަދު ކުޑަ ގޮތެއްގައި އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްކަމަށްވެސް ދެންނެވުމުގައިވެއެވެ.