ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މިތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމެވެ. އޭގެ އިތުރުން 293000 ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 5 މީހުންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެއީ:

  1. ޅ. ހިންނަވަރު، އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)
  2. ޅ. ހިންނަވަރު، މިދިލިމާގެ، އަހްމަދު މުހައްމަދު (36އ)
  3. ޅ. ނައިފަރު، ޑޭޒީހިޔާ، އަބްދުﷲ ޒަކަރިއްޔާ (46އ)
  4. ޅ. ހިންނަވަރު، ފެހިގެ، މުހައްމަދު އިރުޝާދު (35އ)
  5. އދ. މަހިބަދޫ، ކުޅިބަލާގެ، ފާތިމަތު ރީމާ (44އ)

ފުލުހުން ބުނީ މި ފަސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަހުމަދު މުހައްމަދު ހަތްދުވަހަށް، އަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާތިމަތުު ރީމާ 12 ދުވަހަށް އަދި މުހައްމަދު އިރުޝާދު ތިންދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.