ޔޫކްރޭނަށް ދުރު ރާސްތާ މިސައިލު ދީގެން ރަޝިޔާގެ އެންމެ ފުނަށް ހަމަލާދީފިނަމަ އެމެރިކާ އާއި ހުޅަނގުގެ ޤައުމުތައް އެކަމަށް އަދާކުރަން ޖެހޭ އަގު ވަރަށް ބޮޑުވާނެ ކަމަށް ވިދާޅުވެ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ހުޅަނގުގެ ވެރިންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

ޕުޓިންގެ މި އިންޒާރު އައިސްފައި މިވަނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އާއި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވިތާ އެއްދުވަސް ފަހުންނެވެ. މިދެބޭފުޅުން މަޝްވަރާ ކުރެއްވި ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް މީޑިޔާއާ ބައްދަލު ކުރެއްވިނަމަވެސް، މަޝްވަރާ ކުރެއްވި އެއްވެސް ކަމެއްގެ ސީދާ މައުލޫމާތު މީޑިޔާއަށް ހިއްސާކޮށްފައެއް ނުވެއެވެ.

ރަޝިޔާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ބްލިންކެން އާއި ލެމީ މަޝްވަރާ ކުރެއްވި މައިގަނޑު އެއްކަމަކީ ޔޫކްރޭނުގެ ޑިމާންޑްތަކާ އެއްގޮތައް އެގައުމަށް ދުރު ރާސްތާ މިސައިލު ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނެވެ.

ރައީސް ޕޫޓިން މިއަދު ހެނދުނު ސެއިންޓް ޕީޓަސްބާގުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޔޫކްރޭނަށް ދުރު ރާސްތާ މިސައިލު ހުޅަނގުން ފޯރުކޮށްދީނަމަ ރަޝިޔާއިން މާނަ ކުރާނީ މިހާލަތުގައި އެމެރިކާ އާއި ހުޅަނގުން އެކުވެގެން އުފައްދާފައިވާ އަސްކަރީ ޖަމާއަތް "ނޭޓޯ" އިން ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ފެށީ ކަމަށެވެ. އަދި މިހާލަތުގައި ރަޝިޔާއިން މިކަން ބަލައި ނުގަންނާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

"ދުރު ރާސްތާ މިސައިލު ޔޫކްރޭނަށް ފޯރުކޮށްދީނަމަ، މިހާލަތުގައި އެމެރިކާ އާއި ހުޅަނގުގެ ބާރުތައް (ނޭޓޯގެ ހުރިހާ ގައުމެއް ހިމެނޭ ގޮތައް) ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރީކަމަށް ރަޝިޔާއިން ގަބޫލް ކުރާނެ. އެއީ ދުރު ރާސްތާ މިސައިލު ބޭނުން ކޮށްގެން ރަޝިޔާގެ އަމާޒުތަކަށް ޔޫކްރޭނަށް ހަމަލާ ދެވޭނީ ނޭޓޯގެ ކޮންމެވެސް ގައުމެއްގެ ސެޓްލައިޓްތަކުގެ ޑާޓާ ބޭނުންކޮށްގެން. ބީ މި މިސައިލްތަކުގެ ( ޔޫކްރައިން ތެރެއިން ރަޝިޔާއަށް އަމާޒު ކުރެވޭ ދުރު ރާސްތާ މިސައިލްތަކުގެ) ފްލައިޓް މިޝަންތައް އިޕުޓް ކުރެވޭނީ ނޭޓޯގެ ގައުމެއްގެ އަސްކަރީޔާއަކަށް" ރައީސް ޕޫޓިން ވިދާޅުވިއެވެ.

"ރަޝިޔާ އަށާއި ރަޝިޔާގެ ރައްޔިތުންނަށް ނުރައްކާތައް އުފެއްދުމަށް ކޮންމެ މީހަކު މަސައްކަތް ކުރިޔަސް ރަޝިޔާއިން ވަގުތުން ރައްދުދޭނެކަން މިހާރު އެނގެން ޖެހޭނެ،" ހުޅަނގަށް އިންޒާރު ދެއްވަމުން ރައީސް ޕޫޓިން ވިދާޅުވިއެވެ.

"އަދި އޭގެ ނަތީޖާ ފެންނާނީ ތާރީޚުގައި ދުވަހަކުވެސް ނުދެކޭފަދަ ގޮތަކަށް" ޕޫޓިން ވިދާޅުވިއެވެ.

ރައީސް ޕޫޓިންގެ މިވާހަކަފުޅުތައް ހުޅަނގުގެ މީޑިޔާތަކުން ސިފަކޮށްފައި ވަނީ ދުރު ރާސްތާ މިސައިލުގެ މައްސަލާގައި ޕޫޓިން "ރަތް ރޮނގެއް ކުރައްސަވައިފި" ކަމަށެވެ.

ޔޫކްރޭނުގެ ރައީސް ވްލަޑިމީރު ކެނޑިނޭޅި އެމެެރިކާ އާއި ހުޅަނގުގެ ބާރުތަކަށް ޑިމާންޑް ކުރަމުން ދަނީ ރަޝިޔާގެ އެންމެ ފުނަށް ހަމަލާ ދެވޭވަރުގެ ދުރު ރާސްތާ މިސައިލު ފޯރުކޮށްދިނުމަށެވެ. އެކަމަކު ރަސްމީ ސިފައެއްގައި އެމެރިކާ އަދި ހުޅަނގުގެ އެއްވެސް ގައުމަކުން ދުރު ރާސްތާ މިސައިލު ޔޫކްރޭނަށް ފޯރުކޮށްދޭނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައެއް ނުވެއެވެ.