ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލަށް ޗައިނާގެ ރުފިޔާއިން (ޔުއާނުން) ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކުރުމަށް ރާއްޖެ އާއި ޗައިނާއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް (ޕީބީއޯސީއާ) ދެމެދު ޤާއިމްކުރި މި އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ، އެއްގައުމުން އަނެއްގައުމުގައި ބޭނުންކުރުމަށް އޮނިގަނޑެއް އެކުލަވާލާނެއެވެ.

ކަރަންސީ ސްވޮޕް އެރޭންޖްމަންޓްގައި ޓްރޭޑް ފެސިލިޓޭޝަންގެ ގޮތުގައި އެ އަދަދުގެ ދެބައިކުޅަ އެއްބައި ލިބުނު ނަމަވެސް ޗައިނާއިން ގެންނަ މުދަލަށް ރުފިޔާއިން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވަނީ ކުރިން ވިދާޅުވެފައެވެ.

އިގްތިސާދީ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި ރާއްޖެއިން ޗައިނާ އާއެކު އަހަރަކު 720 މިލިއަން ޑޮލަރުގެ ވިޔަފާރިގެ މުއާމަލާތް ކުރެއެވެ.

ރާއްޖޭގެ އިޤްތިސާދު ވަރަށް ބޮޑަށް ހީނަރުވެ، އެމެރިކާ ޑޮލަރަށް ދިވެހި އިޤްތިސާދުގައި ބޮޑު ޑިމާންޑެއް އުފެދިފައިވާއިރު، އިޤްތިސާދު އަލުން ކޮޅަށް ޖެހުމަށް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ ދަށުން ސަރުކާރުން ގެންދަވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންކަން ފާހަގަ ކޮށްލެވެއެވެ. މި ފިޔަވަޅުތަކަށް ބޭރުގެ މާލީ އިދާރާތަކުން ވަނީ ތައުރީފްވެސް ކޮށްފައެވެ.