ރާއްޖޭން މަކުނު ވިދުރީ (އެމްޕޮކްސް) ގެ އެއްވެސް ކޭހެއް ފެނިފައި ނުވާކަމަށާއި ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެމްޕޮކްސް ކޭހެއް ފެނިއްޖެކަމަށް ބުނެ އޮންލައިން ނޫހަކުން ފަތުރަމުން އަންނަ ޚަބަރަކާ ގުޅިގެން "އެކްސް" ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޚަލީލް ވިދާޅުވީ ސިއްޙަތާއި ގުޅުންހުރި މިފަދަ ނާޒުކު ކަމެއްގައި ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭގޮތަށް ޚަބަރު ފަތުރާފައިވާތީ މިމައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށައަޅުއްވާނެކަމަށެވެ.

ވަޒީރު ޚަލީލް ވިދާޅުވީ އެމްޕޮކްސްއާ ދެކޮޅަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް ދުރާލާއި ރާއްޖެއިން އަޅާފައިވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު، ރާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓުކުރެވޭނެ އިންތިޒާމު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ހަމަޖައްސާފައިވާކަމަށެވެ.