އިހަވަންދިއްޕޮޅުގައި އޮފުޝޯ ބަންކަރިން ފެށުމަށްޓަކައި، ބަންކަރިންގ 2 ބޯޓާއި ޓަޖު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަންދިއްޕޮޅަށް ގެންގޮސް، ހުރިހާ ތައްޔާރީތަކެއް ނިމިއްޖެއެވެ.

މޯލްޑީވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހް، ސޯޝަލް މީޑާއާގައި ކުރި ޕޯސްޓެއްގައި ހާމަކުރެއްވީ މިފަދަ އިންޓަނޭޝަނަލް ޚިދުމަތެއް ދިނުމުގައި ހުންނަންޖެހޭ ޝަރުތު، ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް ގޭޓު) ވެސް ގާއިމް ކޮށް ނިމި، ބަންކަރިންގ ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިއްޖެކަމަށެވެ.

ބަންކަރިންގ ޚިދުމަތާއި އެކު އިންޓަރނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ޚިދުމަތްތަކެއް މިސަރަޙައްދުން ފޯރު ކޮށްދޭން ފެށޭނެއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތު ތައް ފަހިވެގެން ދާނެކަމަށް ސީއީއޯ ވަޖީހް ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރުގައި މިފެށޭ ބަންކަރިންގ ޚިދުމަތާއި އެކު އެސަރަޙައްދުން ފޯރު ކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ޚިދުމަތްތައް ސާފު ވާނޭ ހެން މިކަމަށްވަނީ ޚާއްސަ ވެބުސައިޓެއް ވެސް ތައްޔާރު ކޮށްފައެވެ. އެއީ ums.mv (އުތުރު މެރިޓައިމް ސާވިސަސް) އެވެ.

ސީއީއޯ ވަޖީހް އިތުރަށް ވިދާޅުވީ، މި ޕޮރޮޖެކުޓުގެ 2 ވަނަ ފިޔަވަހީގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި، އޮއިލް ޓޭންކުތައް މިސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތްވެސް ފެށިގެން ދާނެކަމަށެވެ.

އުތުރުގައި ބަންކަރިން ޚިދުމަތް ތައާރަފްކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވަމުން ސީއީއޯ ވަޖީހް ވިދާޅުވީ ރައީސްގެ ވެރިކަމުގެ ވަރަށް ކުރީ ކޮޅު ފަށްޓަވައި ދެއްވެވުނު މި ޚިދުމަތަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސް ދޭނެ ޚިދުމަތެއްކަމަށާއި، މިއީ ރާއްޖޭގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެއްކަމަށެވެ.

"ރައީސްގެ ދުރު ވިސްނުން ފުޅަށާއި ޙިކުމަތްތެރި ކަމަށް އަޅުގަޑުމެން ޝުކުރު ދަންނަވަމެވެ." ސީއީއޯ ވަޖީހް ވިދާޅުވިއެވެ.