ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ނެގިކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ރޭގެ ވަގުތެއްގައި ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބުރުޒުމަގުގައި ހުންނަ ހަބީބް ކެފޭ ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައިގައި ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާކަމަށެވެ.

އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޖަހަންގިރު އާލަމް ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.