އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅޭ 5 ގެއެއް ބަލައި ފާސްކޮށް 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފިއެވެ.

ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މިއީ މޯލްޑިވްސް އިމިގްރޭޝަނުން މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

އެގޮތުން އިމިގްރޭޝަނުން ވަނީ މިމަހުގެ 12 ވަނަ ދުވަހުވެސް 5 ގެއެއް ބަލާ 5 ބިދާސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަން އިން ބުނީ، މިއީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ބަލައި ފާސްކުރި ތަންތަން ކަމަށެވެ.

އަދި މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި ދިރިއުޅެމުންދާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ކުއްޔަށް ދީފައިވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މީގެއިތުރުން އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގެ ދަށުން މާލެ ސަރަޙައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އުޅޭ އެކޮމޮޑޭޝަންތައް ބަލައި ފާސްކުރާނެ ކަމަށެވެ.