ފަލަސްތީނު ދައުލަތެއް ޤާއިމުނުކޮށް ޣައްޒާގެ ހަނގުރާމައަށްފަހުގެ އެއްވެސް އާރާސްތުކުރުމުގެ ޕްލޭނަކަށް އެއްބާރުލުން ނުދޭނެ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހާމަކޮށްފިއެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރ އަބްދުﷲ ބިން ޒާޔިދު އަލް ނަހްޔާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ހުށަހެޅުއްވި ޣައްޒާގެ ޕްލޭން ފާޑުވިދާޅުވެ، މި ވިސްނުން ފާޅުކުރެއްވިއެވެ. ނެތަންޔާހޫގެ ޕްލޭނުގައި ވަނީ ހަކަތަ، މެނުފެކްޗަރިންގ އަދި އިންފްރާސްޓްރަކްޗަރގައި އިންވެސްޓްކޮށްގެން ކުރިއެރުން ގެނެސްދޭނެކަމަށް ވަޢުދުވެފައެވެ. ނަމަވެސް އެ ޕްލޭނުގައި ވަނީ އިސްރާއީލުގެ އޮކިއުޕޭޝަން ދަށުގައި ފަލަސްތީނު ރައްޔިތުން އެ ސަރަޙައްދު ހިންގާ ގޮތަށެވެ.

އަލް ނަހްޔާން ވިދާޅުވެފައިވަނީ ނެތަންޔާހޫއަށް މިފަދަ ޕްލޭންތައް ތަންފީޒުކުރުމުގެ ބާރު ނެތްކަމަށާއި، ޣައްޒާގައި އިސްރާއީލުގެ ސިފައިން ތިބުން ޝަރުޢުކޮއްދޭނެ ހުރިހާ ރޭވުންތަކެއް ކުށްވެރިކުރައްވާކަމަށެވެ. ޔޫއޭއީގެ ޚާރިޖީ ވުޒާރާއިން ވަނީ މިފަދަ އެއްވެސް ހުށަހެޅުމަކަށް ތާއީދު ނުކުރާނެކަން އަލުން ކަށަވަރުކޮށްދީފައެވެ.

މީގެ ބަދަލުގައި ޔޫއޭއީން ގޮވާލާފައިވަނީ ޣައްޒާގެ އިންސާނީ ހާލަތު ރަނގަޅުކުރުމަށް "ވަގުތީ ބައިނަލްއަޤްވާމީ މިޝަނެއް" އުފެއްދުމަށެވެ. އަދި ފަހުން ފަލަސްތީނު އޮތޯރިޓީގެ ވެރިކަމުގެ ދަށުން ވެސްޓް ބޭންކާއެކު އަލުން އެއްކުރުމަށް ވަކާލާތުކޮށްފައިވެއެވެ.