މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފަރކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ ޖުލައި 24 ވަނަ ދުވަހު ހިނގި މި މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ތިން މީހުން ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ:

  • މއ. މަސްފަން، އާއިޝަތު (43އ)
  • މއ. މަސްފަން، މުހައްމަދު ރީހާން (27އ)
  • ސ. ހިތަދޫ / ސޯމާ، ޝަފީގު އިބްރާހީމް (35އ)

މީގެއިތުރުން ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި، އެ ތިން މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.