ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާ އަތުން 4-1 އިން މޮޅުވި މެޗަށްފަހު ބާސެލޯނާގެ ކޯޗް ހަންސީ ފްލިކް، އެކްލަބުގެ ޒުވާން ތަރި ލަމީން ޔަމާލްއަށް ތައުރީފް ބަންޑުން ކޮށްލައިފިއެވެ.

މިސީޒަނުގައި ބާސެލޯނާގެ ކޯޗް ކަމާ ހަވާލުވެ އެކްލަބާއެކު ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ފްލިކް ބުނީ މިހާ ޒުވާން އުމުރުގައިވެސް ޔަމާލްއަކީ ތަފާތު ގެނެސްދޭ ކުޅުންތެރިޔަކަށް ވެއްޖެ ކަމަށެވެ. މިމެޗުގައި ބާސެލޯނާގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްދިނީ އުމުރުން އަދި އެންމެ 17 އަހަރުގެ ޔަމާލްއެވެ.

"ޔަމާލް މި ކްލަބުގައި (ބާސެލޯނާގައި) ހުރުމަކީ އަހަރެމެންނަށް އޮތް އެޑްވާންޓޭޖެއް. އެއީ ހަމައެކަނި އޭނާގެ ހުނަރުވެރިކަމުގެ ސަބަބުންނެއް ނޫން، އިދިކޮޅު ކުޅުންތެރިން އަތުން ބޯޅަ އަތުލުމަށް ވަރަށް އަވަހަށް ޕްރެސް ކުރާ ކުޅުންތެރިއެއް އޭނާއަކީ. ޔަމާލްގެ ހުނަރާއި ޕްރެސް ކުރުން އެއްކޮށްލީމާ އޭނާއަކީ އަހަރެމެންގެ އަތުގައި އޮތް ވަރުގަދަ ހަތިޔާރެއް" 2014 ވަނަ އަހަރު ޖަރުމަނުން ވަރލްޑް ކަޕް ޗެމްޕިއަންކަން ހޯދިއިރު އެޓީމުގެ އެސިސްޓެންޓް ކޯޗަކަށްވެސް ހުރި ފްލިކް ބުންޏެވެ.

ރޭގެ މެޗުގައި ޖިރޯނާ ކޮޅަށް ބާސެލޯނާގެ އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި އެކްލާ ގުޅުނު އެކްލަބުގެ ޔޫތު އެކަޑަމީގެ ކުރީގެ ކުޅުންތެރިޔާ ޑެނީ އަލްމޯ އާއި ހުނަރުވެރި މިޑްފީލްޑަރު ޕެޑްރީއެވެ. ބޮޑު ލީޑެއްގައި އޮވެ މެޗް ނިމެން ދަނިކޮށް 86 ވަނަ މިނެޓުގައި ފޯވާޑް ފެރަން ޓޮރޭސްއަށް ރައްކާޑް ދެއްކުމުން ބާސެލޯނާއިން މެޗް ނިންމާލަން ޖެހުނީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.

މިމޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތީ ލީގުގައި މިސީޒަނުގައި ކުޅުނު 5 މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑް އަދި ހަތަރުވަނައިގައި އޮތް ވިޔަރެއާލްއަށް ލިބިފައި ވަނީ 11 ޕޮއިންޓެވެ.