އެހެން ޒޯންތަކަށް ރަޖިސްޓްރީކުރުމަށް ފަހު މާލޭ ސަރަހައްދުގައި ދުއްވާ ވެހިކަލްތަކުގެ ރަޖިސްޓްރީ ބަދަލުކުރެވެން ދެން، ހުޅުމާލޭގައި ވަގުތީ ގޮތުން ޕާކުކުރަން ކަނޑައެޅި ޕާކިން ޖާގައަށް ނުގެންދާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފިއެވެ.

ފުލުހުން ބުނީ އޭ ޒޯނު ފިޔަވައި އެހެން ޒޯނުތަކުގައި ރަޖިސްޓްރީކޮށް މާލޭ ސަރަހައްދުގައި ދުއްވަމުންދާ އުޅަނދުތައް ގާނޫނާއި ގަވައިދަށް ފެއްތުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އެގޮތުން މިފަދަ އުޅަނދުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓުތައް ކައިރީ އޮންނަ ހުސް ބިމަށް ގެންދިއުމަށް އަންގާ، އެއުޅަނދުތަކުގައި ސްޓިކަރ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ސްޓިކަރ ހަރުކުރާ އުޅަނދުތައް ސްޓިކާގައި ބަޔާން ކުރާ ސުންގަޑީގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތަށް ފުލުހުން ވަނީ އަންގާފައެވެ.

ޤަވާއިދާއި ޚިލާފަށް ހުރި އުޅަނދުތައް ބެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުގައި އުޅަނދުތައް ބެހެއްޓުމަށް ދެނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. އެމުއްދަތުގެ ތެރޭގައި އުޅަނދުތައް ޤަވާއިދުގެ ތެރެއިން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

މިދިޔަ އޯގަސްޓް މަހުގެ 21ވަނަ ދުވަހު އެ ބިމުގައި އުޅަނދުތައް ބެހެއްޓުމުގެ ފުރުސަތު ހުޅުވާލިއިރު، އެފަދަ އުޅަނދުތައް އެ ބިމުގައި ބަހައްޓަނީ އެއްވެސް އަގަކާއި ނުލައެވެ. ފުލުހުން ވިދާޅުވެފައިވަނީ ފުރަތަމަ 40 ދުވަހުގެ ތެރޭ އެތަނަށް ނުގެންދާ އުޅަނދުތައް ޓޯ ކުރާނެ ކަމަށެވެ.

ހަމައެކަނި ހުޅުމާލޭގައިވެސް ޤަވާއިދާ ޚިލާފަށް ރެޖިސްޓްރީނުކޮށް ނުވަތަ އެހެން ޒޯނެއްގައި ރެޖިސްޓްރީކޮށްފައިވާ 500އަށް ވުރެ ގިނަ އުޅަނދު ޕާކްކޮށްފައި އޮތް ކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެން ނަމަވެސް ސަރުކާރުން ބިން ދެއްކި ނަމަވެސް އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާކަން ފުލުހުން ފާހަގަކުރައްވައެވެ.

ޤަވާއިދާއި ޚިލާފަށް ހުރި އުޅަނދުތައް ރެޖިސްޓްރީ ކުރުމުގެ ކުރިން ޕާކްކޮށްފައި ބާއްވާނެ ޖާގައެއް ސަރުކާރުން ހުޅުމާލޭ ހަދާފައިވާއިރު، ހަތަރުފުރޮޅުލީ އެހެން އުޅަނދުތައް ޕާކް ކުރުމަށް، ހުޅުމާލެ ފޭސް 1ގެ ޕޮލިސް ފްލެޓް ކުރިމަތިން ވަނީ ހުސް ބިމެއް ދީފައެވެ. މިއީވެސް މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފޯރުކޮށްދެއްވާފައިވާ ބިމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މަޢުލޫމާތު: https://sarukaaru.gov.mv/articles/4002