ރަޝިޔާގެ "ފުނަށް" ހަމަލާދީފިނަމަ ބާރުގަދަ ހަތިޔާރުން ޔޫކްރޭނަށް ހަމަލާދޭން ރަޝިޔާ ތައްޔާރަށް އޮތް ކަމަށް ޑޫމާ ސްޓޭޓުގެ ޗެއާމަން އަދި ރައީސް ވްލަޑިމިއަރ ޕޫޓިންގެ އަރިސް ބޭފުޅެއް ކަމުގައިވާ ޔަޗެސްލޭވް ވޮލޮޑިން މިއަދު ވިދާޅުވެއްޖެއެވެ.
ވޮލޮޑިންގެ އިންޒާރު އައިސްފައި މިވަނީ އެމެރިކާ އާއި ހުޅަނގުގެ ބޮޑެތި ބާރުތަކުން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލު ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވިފައިވާ ދުވަސްވަރެއްގައެވެ.
"މިއަދު އެމެރިކާއިން ރަޝިޔާގެ ސަރަހައްދަށް ހަމަލާތަކެއް ދިނުމުގެ ފުރުސަތު އޮތްތޯ މަޝްވަރާ ކުރަން ރަޝިޔާއިން ފަހަކަށް ނުޖެހޭނެ. މިފަދަ ހަމަލާތަކުން ދޭހަވަނީ ކޮން އެއްޗެއް؟ ސެޓެލައިޓް ކްލަސްޓާތައް ނިސްބަތްވަނީ އެމެރިކާއަށާއި ނޭޓޯގެ ގައުމުތަކަށް. ޓާގެޓިން އާއި ކޮމާންޑް އެގްޒެކެޝަން މި ހާލަތުގައި ކުރިއަށް ގެންދާނީ ގުޅިގެން އެމެރިކާ އާއި ނޭޓޯގެ ބާރުތަކުން ގުޅިގެންކަމީ ކަށަވަރުވާ ކަމެއް" ވޮލޮޑިން ވިދާޅުވިއެވެ.
ވޮލޮޑިން ވިދާޅުވީ "ވިތު ސެޓެލައިޓް ކްލަސްޓަރސް ބައި ނޭޓޯ ޕާސަނަލްސް" ގެ މާނައަކީ ނޭޓޯ މުޅިން މި ކޯޅުންގަނޑުގައި ބައިވެރިވުން ކަމަށެވެ. ވޮލޮޑިން އިޝާރާތް ކުރެއްވީ ޔޫކްރޭނުގެ އަސްކަރިއްޔާއަށް ދުރު ރާސްތާ މިސައިލެއް ލޯންޗްކޮށް ރަޝިޔާގެ "ފުނަށް" ހަމަލާދެވެން އޮތް ހަމައެކަނި މަގަކީ އެމެރިކާ އާއި ހުޅަނގުގެ ސެޓްލައިޓްތައް ބޭނުން ކޮށްގެން ކަމުގައިވާތީއެވެ.
ރަޝިޔާގެ "ފުނަށް" ހަމަލާއެއް ދީފިނަމަ ކަންތައްވާނެ ގޮތް އެމެރިކާގެ ޕާލަމެންޓާއި ހުޅަނގުގެ ވެރިން ވަރަށް ތަސައްވަރުކޮށްލުމަކީ މުހިއްމު ކަމެއް ކަމަށާއި ނުރައްކާތެރި ކަންތައްތަކެއްގެ ފެށުމަކަށް މިކަންތައް ނުވެ ނުދާނެ ކަމަށް ވޮލޮޑިން ވިދާޅުވިއެވެ.
ވޮލޮޑިން ވަނީ ޔޫކްރޭން މައްސަލާގައި އެމެރިކާގެ ރައީސް ބައިޑަން އަށާއި ޖަރުމަނުގެ ޗާންސެލަރ އޮލާފް ޝްކޯލްޒް އާއި ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. "ޔޫކްރޭން މައްސަލައިގައި ނިންމުންތައް ނިންމަވަން ގެންދަވާ އެއްބޭފުޅަކީ (ރައީސް ބަައިޑަން) ރިޔާސީ ރޭހުން އެއްފަރާތް ވެގެން ހުރި ބޭފުޅެއް. އަނެއް ބޭފުޅަކީ ޖަރުމަނުގެ ހުރިހާ އިންތިހާބުން ބަލިވެވަޑައިގެން، ސިޔާސީ ކެރިޔަރު ނިމުމުގެ ކޮޅުމަތީގައި ހުންނެވި ބޭފުޅެއް. އަނެއްބޭފުޅާ (ފްރާންސްގެ ރައީސް މެކްރޮން) އަކީ އެބޭފުޅާގެ ގައުމުގެ ރައްޔިތުންގެ ތާއީދު ގެއްލި ވަޑައިގެން، ވެރިކަމުގެ ސިއްކަ ޖެހުމުގެ ދުވަސްތައް ގުނަމުން ގެންދަވާ ބޭފުޅެއް" ވޮލޮޑިން ވިދާޅުވިއެވެ.