ކުދި އާބާދީތަކުން ބޮޑެތި އާބާދީތަކަށް ބަދަލުވުމަކިީ ސަރުކާރުން ތާއީދު ކުރާކަމެއް ކަމުގައި ވީނަމަވެސް، މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ ބަޔަކު އެރަށް ދޫކޮށް އެހެން ރަށަކަށް ބަދަލުވުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު ހީނާ ވިދާޅުވީ އެއް ރަށުން އަނެއް ރަށަށް އާބާދީ ބަދަލުކޮށްދޭން އެދުމުން އެއީ ކިހާ ފީޒިބަލް ކަމެއްތޯ ސަރުކާރުން ބައްލަވާނެ ކަމަށެވެ. ނިންމެވުންތައް ނިންމަވާނީ އޭގެ ފަހުންކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ މިހެން ވިދާޅުވެފައި ވާއިރު، އާބާދީ ވަރަށް ކުޑަ ދެ ރަށް ކަމުގައިވާ މ.ރަތްމަންދޫ އާއި ހދ.ހިރިމަރަދޫ ރައްޔިތުން ވަނީ ކ.އަތޮޅުގެ ރަށަކަށް ބަދަލު ކޮށްދިނުމަށް ރައީސް އޮފީހުގައި ދަންނަވާފައެވެ. މީގެ ތެރެއިން ރަތްމަންދޫގެ %66 ރައްޔިތުން ވަނީ ރަށުން ބަދަލުވުމަށް ހެދި ޕެޓިޝަނުގައި ސޮއިކޮށްފައެވެ. އެއީ އެރަށުގެ އާބާދީގެ ކޮންމެ 10 މީހަކުން 7 މީހެކެވެ.