މާލެ ހިމެނޭހެން ދިވެހިރާއްޖޭގެ މަގުތަކުގެ އަމާންކަން ބެލެހެއްޓުމާއި މަގުތަކުގެ އަމާންކަން ކަށަވަރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައލޫމާތު ދެއްވަމުންނެވެ.

ރައީސް މިކަމަށް ދެއްވާ ހާއްސަ އިސްކަން ހާމަކުރައްވަމުން ހީނާ ވަނީ އެމަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެސް އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން އަދި ސަމާލުކަން ދެއްވާ ކަމެއްކަން ރައީސްގެ ޕޯސްޓުގައި ވަރަށް ބޮޑަށް ފާހަގަކޮށްދެއްވައި، އެކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމުގައި ހީނާ ވިދާޅުވިއެވެ.

އަދި މިފަދަ ކަންތައްތަކާއި ގުޅިގެން، ކަމާބެހޭ އިދާރާތަކަށް 8 ކަމެއް ތަންފީޒުކުރެއްވުމަށްޓަކައި ރައީސް މިހާރު އަންގަވާފައިވާ ކަމުގައި ހީނާ ވިދާޅުވިއެވެ. އެއާއެކު ރައީސްގެ އިރުޝާދާ އެއްގޮތަށް މުއައްސަސާތަކުން މިހާރު މަސައްކަތްތައް ފައްޓަވައިގެން ކުރިއަށްގެންދަވާ ކަމަށާއި އެގޮތުން މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކުރެވި، މޮނިޓަރިންގެ މަސައްކަތްތައް ފުޅާކުރެވި، މާލޭގެ އިތުރުން ރަށްރަށުގައިވެސް މިކަންކަމަށް ސަމާލުކަންދެވިގެން މަސައްކަތްތައް ހިނގަމުންދާކަމުގައި ހީނާ ވިދާޅުވިއެވެ.

މީގެއިތުރުން މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމަށް މިހާރުވެސް ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައި އެބަހުރި ކަމަށާއި ގާނޫނުތަކާއި ޤަވާއިދުތަކަށް ހުރިހާ އެންމެންވެސް އަހުލުވެރިވެ، ސަމާލުކަންދެއްވައިގެން ފަރުދީ ޒިންމާ އަދާކުރުމަށް ހީނާ އެދިވަޑައިގެންނެވިއެވެ.

ހީނާ ވަލީދުގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވިއެވެ.