ޖޯންސަން އެންޑް ޖޯންސަންއިން ތަރައްގީކޮށް އުފައްދާފައިވާ ކޮވިޑް-19 ވެކްސިން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ އިމަޖެންސީ ވެކްސިންގެ ލިސްޓްގައި ހިމަނައިދިނުމަށް އެދި އެ ކުންފުނިން ޑަބްލިޔުއެޗްއޯއަށް ހުށަހަޅައިފިއެވެ.
އެ ކުންފުނިން ހުކުރު ދުވަހު ބުނެފައިވަނީ، ޑަބްލިޔުއެޗްއޯގެ ކޮވިޑް-19 ވެކްސިންގެ އިމަޖެންސީ ލިސްޓްގައި ހިމަނައިދިނުމަށް އެދި، އެ ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިންގެ މައުލޫމާތު މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
މި ވެކްސިން ޑަބްލިޔުއެޗްއޯއިން އެޕްރޫވް ކޮށްފިނަމަ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި މި ވެކްސިން ބޭނުންކުރަން ފެށުމުގެ މަގު ފަހިވެގެންދާނެއެވެ.
ޖޭ އެންޑް ޖޭއިން ބުނެފައިވަނީ، މި ވެކްސިން ޑަބްލިޔުއެޗްއޯގެ އިމަޖެންސީ ވެކްސިން ލިސްޓުގައި ހިމަނައިދިނުމަށް އެދުނީ، ޑަބްލިޔުއެޗްއޯގެ ކޮވެކްސް ޕްރޮގްރާމަށް ވެކްސިން ސަޕްލައިކޮށްދިނުމަށް މަގުފަހި ކުރުމުގެގޮތުން ކަމަށެވެ.
ޑަބްލިޔުއެޗްއޯއިން އިސްނަގައިގެން ކުރިއަށްގެންދާ ކޮވެކްސް ޕްރޮގްރާމަކީ، ދުނިޔޭގައި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކާއި ފަގީރު ގައުމުތަކަށް އަގުހެޔޮ އަދި އަވަސް މަގަމުން ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް، ދުނިޔޭގައި ވެކްސިން އުފައްދާ ކުންފުނިތަކާއި، އެކަމަށް ޚަރަދުކުރާނެ މުއްސަނދި ގައުމުތައްވެސް ހިމެނޭގޮތުން އެކަށައަޅާފައިވާ ޕްރޮގްރާމެކެވެ.
ޖޯންސަން އެންޑް ޖޯންސަންއިން ތަރައްގީކޮށް އުފައްދާފައިވާ ކޮވިޑް-19 ވެކްސިން، ދޭންޖެހެނީ އެންމެ ޑޯޒެކެވެ. އަދި އެއީ، އާދައިގެ ފްރިޖްގައިވެސް ބެހެއްޓޭ ވެކްސިނެކެވެ.
މި ވެކްސިން، އިމަޖެންސީ ބޭނުމަށް އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ ދިނުމާމެދު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނާއި، އެކްސްޕާޓުންގެ ޕެނަލަކުން މިހާރު ގެންދަނީ ބެލުންތައް ބަލަމުންނެވެ.
ޖޭ އެންޑް ޖޭގެ ވެކްސިން ސައުތު އެފްރިކާގައި މިހާރުވެސް ދަނީ ބޭނުންކުރަމުންނެވެ.
ޖޭ އެންޑް ޖޭއިން މިދިމަހު ބުނެފައިވަނީ، އެކުންފުނިން ތަރައްގީކުރި ވެކްސިންގެ ކްލިނިކަލް ޓްރައިލްސް ދުނިޔޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔައިރު އެވްރެޖް ނަތީޖާ ދައްކާގޮތުން، ބަލިން ދިފާއުކޮށްދޭ ނިސްބަތް އުޅެނީ %66 ގައި ކަމަށެވެ.
އެމެރިކާގައި ކުރިއަށްގެންދިޔަ ޓެސްޓްތަކުން، އެ ވެކްސިން ބަލިން ދިފާއުކޮށްދޭ ނިސްބަތް %72 ގައި ހުރިއިރު، ލެޓިން އެމެރިކާގައި ކުރިއަށްގެންދިޔަ ޓެސްޓްތަކުން ދައްކާފައިވަނީ %66 އެވެ. އަދި ސައުތު އެފްރިކާގައި ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ދައްކާފައިވަނީ %57 އިފެކްޓިވް ކަމަށެވެ.
ޖޯންސަން އެންޑް ޖޯންސަންއިން ބުނެފައިވަނީ، ޑަބްލިޔުއެޗްއޯއަށް ހުށަހަޅާފައިވާނީ، އެންމެފަހުން ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރައިސްތަކުގެ މައުލޫމާތު ކަމަށެވެ.