ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށާއި ރަސްމާލެ މަޝްރޫއު ހަގީގީތަކަށް ހައްދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދެއްވައިފިއެވެ.

ހީނާ މިހެން ވިދާޅުވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ރައީސްގެ އެންމެ މުހިންމު އެއް ވައުދުފުޅަކީ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަން ފާހަގަ ކުރައްވާ، ރަސްމާލެ މަޝްރޫއު މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމެނުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްވެގެން އައިއިރު، އެ މަޖިލީހުގައި އޮތީ އެމް.ޑީ.ޕީ.ގެ ސުޕަރ މެޖޯރިޓީއެއް ކަމަށާއި އެ މަޖިލީހުން ކުރެއްވި އެންމެ ދަތިވި އެއް ކަމަކީ އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެހެން ބަޖެޓް ފާސްކުރުން ކަމުގައި ހީނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.