އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

އިހަވަންދިއްޕޮޅުގައި ޤާއިމްކުރެވިފައިވާ ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ފަށައިދެވިފައިވަނީ ހއ. ހޯރަފުށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ތިލަދުންމަތީ އުތުރުބުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުންނެވެ. އެއީ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އާއި ދިއްދޫ ދާއިރާ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އަދި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ސަޢީދާއި ސަރުކާރުގެ އިސް އެހެން ބޭފުޅުންނާއި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހުއާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް އަދި ބޯޑު މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބަންކަރިންގ ޚިދުމަތް ތަޢާރަފުކުރެވިފައިމިވަނީ ދިވެހިރާއްޖޭގެ އުތުރުގެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރަށް އެކި ބާވަތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވިސްނުމެއް ކަމުގައިވާ މި އައު ޚިދުމަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށާއި، މިއީ ޤައުމުގެ ޖީޑީޕީ އިތުރުވާނެ ކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވެއެވެ.ބަންކަރިންގ ފެސިލިޓީ ހިންގުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އެސްޓީއޯއިން ކުރިން ވަނީ ދުނިޔޭގެ އެންމެ ބޮޑު މިނިވަން ހަކަތައިގެ ވިޔަފާރިވެރިޔާ ކަމުގައިވާ ސުވިޓްޒަލޭންޑުގެ ވިޓޯލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދެވޭނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެހީތެރިކަމާއެކުގައިއެވެ. އެސްޓީއޯއިން އުޅަނދުފަހަރަށް ތެޔޮ އެޅުމާއި ސީދާ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދޭނެއެވެ.

އޮފްޝޯ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދެނީ ދެ އުޅަނދެއް މެދުވެރިކޮށެވެ. އެއީ 3,258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އަދި 3,929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. މި ދެ އުޅަނދު ބަނދެފައިވަނީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭގޮތަށް ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ.

ބަންކަރިންގ އިތުރުން، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވި ގޮތުގައި އެ ފެސިލިޓީގައި ދެވޭނެ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި، ޕައިލެޓޭޖް ޚިދުމަތްތައް، ފަޅުވެރިން ބަދަލުކުރުން، އުޅަނދުން އުޅަނދަށް ދެވޭ ޚިދުމަތްތައް، ސާފު ބޯފެން، ކާބޯތަކެތި، ޑީސަލް އަދި ލޫބްރިކަންޓްސް، ޔޮޓް އެޅުން، މަރާމާތުކުރުން، ފެނުއަޑީގެ ޚިދުމަތްތައް، ޓަގު ބޯޓުތައް، ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުން، އަދި އުޅަނދުފަހަރުގެ ކުނި ނައްތާލުން ހިމެނެއެވެ.

ރާއްޖޭގެ އުތުރުގައި މިފެށޭ ބަންކަރިންގ ޚިދުމަތާއި އެކު އެސަރަޙައްދުން ފޯރު ކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ޚިދުމަތްތައް ސާފު ވާނޭ ހެން މިކަމަށްވަނީ ޚާއްސަ ވެބުސައިޓެއް ވެސް ތައްޔާރު ކޮށްފައެވެ. އެއީ ums.mv (އުތުރު މެރިޓައިމް ސާވިސަސް) އެވެ.

މީގެ އިތުރުން، ބަންކަރިންގ ޚިދުމަތްތަކަށް ކަސްޓަމަރުން ޝައުޤުވެރިކުރުވުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއްވެސް ޤާއިމުކުރެވިފައިވެއެވެ.

އިޤްތިޞާދީ ތަފާތު ދާއިރާތައް ތަރައްޤީކުރުމަކީ ވިދިވިދިގެން އައި ދިވެހި ސަރުކާރުތަކުގެ މައިގަނޑު މަޤްޞަދެއް ކަމުގައި ވެފައިވެއެވެ. ފަތުރުވެރިކަމުގެ މައްޗަށް އިޤްތިޞާދު ބަރޯސާވުން ކުޑަކުރުމުގެ މުހިންމުކަން ޚާއްޞަކޮށް ފާހަގަކުރެވުނީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައެވެ. އެ ދުވަސްވަރު ޤައުމުގެ މައި ޞިނާޢަތް ބަންދުކުރަން މަޖުބޫރުވެ، އޭގެ އަސަރު ލުއިކޮށްދޭނެ އެހެން ދާއިރާއެއް ނެތްކަން ހާމަވެގެން ދިޔައެވެ. ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތްތައް ތަޢާރަފުކުރުމުގެ މަޤްޞަދަކީ މި މައްސަލައަށް ޙައްލެއް ހޯދައި، އިޤްތިޞާދަށް އާމްދަނީ ލިބޭނެ އިތުރު ދާއިރާއެއް އުފެއްދުމެވެ.މ